އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން އެޖެންޑާކޮށްފިއެވެ.
މި ޖަލްސާ ފަށާނީ މާދަމާގެ މެންދުރުފަހު 14:00 ގައެވެ.
ޤާނޫނުގައިވާ ގޮތުން ކުރިއަށްއޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، އަހަރު ނިމުމުގެ ދެ މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންޖެހޭނެއެވެ. ބަޖެޓު ފާސްކުރާނީ މުޅި މަޖިލިހާއި ކޮމިޓީ މަރުހަލާގައި ބަހުސްތައް ބޭއްވުމަށްފަހު މަޖިލީހުން ގެންނަ އިސްލާހުތަކާއެކުގައެވެ.
ބަޖެޓާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މުޅި ރާއްޖެ ޑިޖިޓަލައިޒްކުރަން ސަރުކާރުން ހިންގާ "މޯލްޑިވްސް 2.0" މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓްގައި އިސްކަން ދެއްވާނެކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައިވެސް ބޯހިޔާވަހިކަމަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅުއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ބަޖެޓުގައި ހިމަނާ ޚަރަދުތަކުގެ ތެރޭގައި ރިކަރަންޓް ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތައް ހިމެނެއެވެ. އޭގެތެރޭގައި މަހުން މަހަށް ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާ ޚަރަދުތަކުގެ އިތުރުން ލޯނު ދެއްކުމުގެ ޚަރަދުތައް ހިމެނެއެވެ. އަދި ބަޖެޓުގައި، ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާނެ ޢަދަދުތައްވެސް ހިމަނާނެއެވެ.
ހިނގަމުންމިދާ 2025ވަނަ އަހަރަށް ސަރުކާރުން 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއެވެ. ސަރުކާރުން މި ވޭތުވެދިޔަ 2 އަހަރު އެންމެ ބޮޑު ޢަމާޒެއް ކަނޑައެޅީ، ދަރަނިތައް އަދާކުރުމަށެވެ. އެ މަސައްކަތް ގެންދިޔައީ ރައްޔިތުންނާއި ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ބުރަ އުފުލަން ނުޖެހޭގޮތަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކަކީ ޢުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެ އަހަރުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާންކުރައްވާފައެެވެ.