ކުޅިވަރު

އިންޓަމިލާން ކީޕަރު އަތުން މީހަކު މަރުވެއްޖެ


އިޓަލީގެ އިންޓަމިލާނުގެ ކީޕަރު ޖޯސެޕް މާޓިނޭޒް ދުއްވި ކާރުން ޖެހި އުމުރުން ދުވަސްވީ މީހަކު ނިޔާ ވެއްޖެ އެވެ.

އިޓަލީގެ ފުލުހުންނާ ހަވާލާދީފައިވާ މީޑިއާތަކުން ބުނާ ގޮތުގައި އިންޓަމިލާނުގެ ޓްރޭނިން ބޭސްއާ ގާތުގައި މިހާދިސާ ހިނގާފައިވަނީ އިޓަލީގެ ކޯމޯގަ އެވެ. އެރު މާޓިޏޭޒް ކާރުގައި ދަތުރު ކުރަމުންދިޔައީ އިއްޔެ ހެނދުނު އޮތް އެ ކުލަބުގެ ފަރިތަކުރުން ތަކަށެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އިން މީހާ ކާރުން ޖެހި ވެއްޓުނުއިރު އޭނާ ދުއްވަމުންދިޔައީ ސައިކަލް ލޭނުންނެވެ. އޭނާ ވެއްޓުމާއެކު މާޓިނޭޒް ކާރު މަޑުކޮށްފައި އެހީތެރިވުމަށް ކާރުން ފޭބި މަންޒަރު ވަނީ ސީސީޓީވީ ކެމެރާ އަށް ރެކޯޑްވެފަ އެވެ. ނަމަވެސް މީޑިއާތަކުން ބުނަނީ އެމްބިއުލާންސް އައުމުގެ ކުރިން އެ މީހާ މަރުވެފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އިންޓަމިލާނުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެ ކުލަބުން އިއްޔެ ބާއްވަން އޮތް ޕްރެސް ކޮންފަރެންސް ވަކި ސަބަބެއް ނެތި ވަނީ ކެންސަލަކޮށްފަ އެވެ.

މާޓިނޭޒަކީ ސްޕޭނުގެ ކީޕަރެވެ. އުމުރުން ހަތާވީސް އަހަރުގެ ކީޕަރު ގައުމީ ޓީމަށް އެއް މެޗު ކުޅެދީފައިވާއިރު އޭނާ އަކީ އިންޓަމިލާނުގެ ދެ ވަނަ ކީޕަރެވެ. އޭނާ އިންޓަމިލާނާ ގުޅުނީ ހުސްވި އަހަރު ޖެނޯއާއިންނެވެ. މިހާތަނަށް އިންޓަ އަށް އޭނާ ވަނީ 12 މެޗު ކުޅެދީފަ އެވެ.