ޚަބަރު

ތުލުސްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި


  • ތުލުސްދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

  • މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސް ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ކ. ތުލުސްދޫގައި ސަރުކާރުން ޢިމާރާތްކުރައްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.

މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކުރައްވައިގެން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙްމަދު ސައުދީގެ އިތުރުން އެ ދާއިރާގެ މަޖިލިސް މެންބަރާއި އެ ރަށު ކައުންސިލް ރައީސެވެ.

ތުލުސްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކޮށް ނިމޭއިރު އިންޑޯ ޖިމަކާއި، އެރޮބިކްސް އާއި، އެކި ކަހަލަ ބޯޑު ގޭމުތަކާއި، އިންޑޯ ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.

މިއީ ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައުތަކެއް ބިނާކުރުމަށް ކޮންމެ ރަށެއްގައިވެސް ސަރުކާރުން ގާއިމުކުރުމަށް ނިންމާފައިވާ ކުޅިވަރުގެ މުހިންމު ވަސީލަތެކެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޢިމާރާތްކޮށް ނިންމައި، ރައްޔިތުންނަށް އެތަން ބޭނުންކުރެވޭގޮތް ހެދުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ.