ވިޔަފާރި

އެމްއެމްއޭއިން ޗެކް ކްލިއަރ ކުރުން އޮޓޮމޭޓްކުރަނީ


ބޭންކުތައް މެދުވެރިކޮށް ޗެކުން ކުރެވޭ މުޢާމަލާތްތައް މުޅިން ފުރިހަމަވެގެން ދަނީ ބޭންކުތަކުން ނަގާ ޗެކްތައް މަރުކަޒީ ބޭންކް އެމް.އެމް.އޭ މެދުވެރިކޮށް ކްލިއަރ ވެގެން ދިއުމުންނެވެ. އެމަސައްކަތް ކުރުމަށް، ކޮންމެ ދުވަހަކު ބޭންކަށް ކަސްޓަމަރުން ގެންދާ ޗެކްތަކާއެކު، ޖެހިގެން އަންނަދުވަހު ހެނދުނު ބޭންކުތަކުން އެމް.އެމް.އޭ ގައި ބައްދަލުވެއެވެ. މި ބައްދަލުވުމުގައި، ބޭންކަށް ލިބިފައި ހުންނަ އެހެން ބޭންކްތަކުގެ ޗެކްތައް އެއްބޭންކު އަނެއް ބޭންކްގެ މެދުގައި ބަދަލުކުރެވެއެވެ. އަދި އެ ދުވަހު މެންދުރުފަހު ރިޓަރން ކްލިއަރިން ސެޝަނެއް ބާއްވައި ރިޓާރންވާ ޗެކްތައް އަނބުރާ ބޭންކާ ހަވާލުކުރެވެއެވެ. 

img:http://s2.psmnews.mv/images/660x400/14719617574322.jpg|ކަސްޓަމަރެއް ބެންކަކަށް ޗެކެއް ޖަމާކުރަނީ / ފޮޓޯ: އެމްއެމްއޭ

މިސެޝަން އަކީ ކުރިން ހިންގި ކްލިއަރިން ސެޝަންގައި ހުށަހެޅި ޗެކަކަށް އެއްވެސް ސަބަބަކާ ހުރެ އަގު އަދާ ކުރެވެން ނެތިއްޖެނަމަ، އެޗެކް ހުށަހެޅި ބޭންކަށް އަނބުރާ ޗެކް ހަވާލުކުރުމަށް ބާއްވާ ސެޝަނެކެވެ. މި ދިގު ޕްރޮސެސްއާއެކު ބޭންކަށް ކަސްޓަމަރު ގެންނަ ޗެކެއް ޖަމާވާން ތިންދުވަސް ނޫނީ ހަތަރުދުވަސް، ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްވެސް ހޭދަވެއެވެ. އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެގޮތުން ޗެކް ކްލިއަރިންގ ގެ މަސައްކަތް އިލެކްޓްރޯނިކް ނިޒާމަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ އެމްއެމްއޭއިން ކުރައްވަމުންނެވެ. އެގޮތުން އޮކްޓޯބަރ މަހު އެޚިދުމަތް ފެށޭނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. 

img:http://s3.psmnews.mv/images/660x400/14719617726834.jpg|

އެމްއެމްއޭގެ ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ސެކްޝަންގެ މެނޭޖަރ ހައްވާ ލަތީފް ވިދާޅުވީ، ޗެކް ކްލިއަރ ކުރުމުގެ މަސައްކަތް އޮޓޮމޭޓް ވެގެން ދިއުމާއިއެކު ކަސްޓަމަރަކު ބޭންކަށް ޖަމާކުރާ ޗެކެއް އެކައުންޓަށް ޖަމާވުމަށް ނަގާ މުއްދަތު ގާތްގަނޑަކަށް 24 ގަޑިއިރަށް ކުޑަވެގެން ދާނެކަމަށެވެ.

މި ޚިދުމަތް ފެއްޓެވުމަށްޓަކައި އެމްއެމްއޭއިން ކަނޑައަޅުއްފައިވާ ސްޓޭންޑަޑަށް ތައްޔާރުކޮށްފައިވާ ޗެކް ނޫނީ އެއްވެސް ބޭންކަކުން އަލަށް ދޫނުކުރާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. ކުރިން ދޫކޮށްފައިވާ، މިސްޓޭންޑަޑަށް ނުފެތޭ ޗެކްތައް ސެޕްޓެމްބަރުމަހުގެ އެކަކުން ފެށިގެން ބޭނުމެއްނުކުރެވޭނެއެވެ. 

img:http://s1.psmnews.mv/images/660x400/14719613189538.jpg|ޗެކް ލިޔުމުގައި ސަމާލުކަންދޭންވީ ކަންކަން

ޗެކްތައް ހުންނަންޖެހޭނެ ކަމަށް އެމް.އެމް.އޭއިން ކަނޑައަޅާފައިވާ ސްޓޭންޑަޑްތަކަކީ..

ޗެކުގެ ދިގުމިނުގައި 7 އިންޗި އަދި ފުޅާމުނުގައި ހުންނާނީ 3.5 އިންޗި.ޗެކުގެ ތާރީޚް، ރައްދުވާ ފަރާތް، ސޮއި، އަދި ޢަދަދު ޖެހުމަށް ހާއްސަކުރެވިފައިވާ ފީލްޑްތައް ހުންނާނީ އެއް މިންގަޑެއްގައި.އަދި ޗެކުގައި މެގްނެޓިކް އިންކް ކެރެކްޓަރ ރިކޮގްނިޝަން "މައިކަރ" ބޭންޑް ނޫންނަމަ ބަރކޯޑް ހިމެނިފައި ހުންނަންޖެހޭ. ޗެކް ލިޔުމާއި ޗެކް ގެންގުޅުމުގައި، ބާރކޯޑާއި މައިކަރ ޕްރިންޓް ބޭންޑް މަތީގައި ނުލިޔުމާއި ސޮއި ނުކުރުމަށާއި ތައްގަނޑު ނުޖެހުމަށް ސަމާލުކަން ދޭންޖެހެއެވެ. މީގެ އިތުރުން ޗެކް ފަތްނުޖެހުމާއި ޗެކަށް ހީރަސްނުޖެހުމަށް އެމްއެމްއޭއިން އެދިވަޑައިގަންނަވައެވެ.