ދީން

މައްކާ ކައިރީގައި ރާއްޖޭގެ ޙައްޖު މިޝަންއެއް ޤާއިމްކޮށްފި


ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓެވުމަށްޓަކައި ކޮންމެ އަހަރަކުވެސް ސަރުކާރުން އެކަމަށް ޚާއްޞަ މިޝަނެއް އެކުލަވާލައްވައެވެ. އެމިޝަން ޙައްޖުވެރިން ފުރަން ފެށުމާއެކު ސަޢޫދީ ޢަރަބިއްޔާގައި ޤާއިމްވެވަޑައިގެން، ޙައްޖުވެރިންނަށް ބޭނުންވާ ރަސްމީ އިންތިޒާމްތަކުގައި އެހީތެރިވެދެއްވަމުން ގެންދަވައެވެ. އަދި ދިވެހި ޙައްޖާޖީންގެ ޙާލުއަހުވާލު ބައްލަވައި، އެހީތެރިކަން ބޭނުންވާ ޙާލަތުގައި އެހީތެރިކަން ދެއްވަމުން ގެންދަވައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި މައްކާއާ ކައިރި ހިސާބެއްގައި ދިވެހިރާއްޖޭގެ ޙައްޖުމިޝަންގެ ރަސްމީ އޮފީހެއް މިހާރު ވަނީ ޤާއިމްކުރައްވާފައެވެ. އެ މިޝަންގެ ޙައްޖު މިޝަންގެ އޮފީހުގައި ދިވެހި ދައުލަތުގެ ނިޝާނާއި ދިދަ އަދި ޙައްޖު މިޝަންގެ ނަންބޯޑް ފެންނަން ހުންނާނެއެވެ. މި އަހަރުގެ ޙައްޖު މިޝަންގައިވެސް ބާރަ ބޭފުޅުހުން ހިމެނިވަޑައިގަންނަވައެވެ. އެއީ އިސްލާމިކް އެފެއަރޒް މިނިސްޓްރީގެ 6 ބޭފުޅުންނާއި ކޮންމެ ޖަމާޢަތަކުން އެއްބޭފުޅެކެވެ.

img:http://s4.psmnews.mv/images/660x400/14719600507740.jpg|ރާއްޖެއިން މިއަހަރު އަހަރު ޙައްޖަށް ދިޔަ ބަޔަކު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް އެފެއަރޒް މިނިސްޓަރގެ ނާއިބު މުޙައްމަދު މުޞްޠަފާ އިބްރާހީމް ވިދާޅުވީ ޙައްޖު މިޝަންގެ ބޭފުޅުން މައްކާގައި މިފަހަރު ޙަރަކާތްތެރިވަޑައިގަންނަވާނީ އެއީ ރާއްޖޭގެ ޙައްޖުމިޝަންގެ ބޭފުޅެއްކަން ޙަޖީންނަށް އެނގޭނެ ގޮތަށް ޖެކެޓް ތުރުކުރައްވައިގެންކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ޙައްޖު ޤްރޫޕްތަކަށް ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދެއްވާފައިވަނީ އެފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތަކަށް ބެއްލެވުމަށްފަހުގައެވެ. އެހެންކަމުން ޙައްޖު ޤްރޫޕްތަކުން ހުށަހެޅި ޕްރޮޕޯސަލްތަކުގައި ވާގޮތަށް ޚިދުމަތްދެމުން ގެންދޭދޭތޯ ޙައްޖު މިޝަންގެ ބޭފުޅުން ބައްލަވަމުން ގެންދަވާނެކަމަށް މުޙައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވިއެވެ.

" އެބޭފުޅުން މިކޮޅަށް ޕްރޮޕޯސަލްގައި ހުށަހަޅުއްވާފައި ހުރި ޚިދުމަތްތައް ހުށަހަޅުއްވާފައި ހުރިގޮތަށް ޙާޖީންނަށް ލިބޭތޯ. އެހެންވީމާ ޤްރޫޕްތަކަށް ވަޑައިގަންނަވާނެ. ޤްރޫޕްތަކުން ތިއްބަވާތަންތަނަށް ވަޑައިގަންނަވާނެ. އެބޭފުޅުންގެ ކެއުމާއި ނިދި ކުރައްވާ ތަން ބައްލަވާނެ. އެބޭފުޅުން ޙައްޖު ކޯޓާ ހޯދުމަށް ބިޑް ކާމިޔާބު ކުރުމަށްޓަކައި ކުންފުނިތަކުން ހުށަހަޅުއްވާފައި ހުރި ހުށަހެޅުންތައް އެޚިދުމަތް އެބޭފުޅުންނަށް ދޭތޯ މިފަހަރު ވަރަށް ޔަގީންކުރެވިގެންދާނެ. އެކަން ކުރެއްވުން އެއީ ހައްޖު މިޝަނުން މިވަގުތުކުރަމުން ގެންދާ މަސައްކަތެއް. އެބޭފުޅުން މިކޮޅަށް އެނބުރިވަޑައިގެން މިނިސްޓްރީއަށް ރިޕޯޓެއް ދެއްވާނެ." މުސްތަފާ ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14719600693800.jpg|ރާއްޖެއިން މިއަހަރު އަހަރު ޙައްޖަށް ދިޔަ ބަޔަކު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ  

ޙައްޖަށް މީހުން ގެންގޮސްދޭ އަމިއްލަ ގްރޫޕްތަކުން އިތުރަށް ފައިސާ ނަގާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ފުރުޞަތު ނުލިބޭގޮތަށް އެކަމަށް ޚާއްޞަ އުޞޫލްތަކެއް ކަނޑައަޅުއްވާނެ ކަމަށްވެސް މިނިސްޓަރުގެ ނާއިބު ވިދާޅުވިއެވެ. އަދި އިތުރަށް ފައިސާ ނެގިކަން ހެއްކާއެކު މިހާތަނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމަށާއި ހެއްކާއެކު ހުށައަޅައިފިނަމަ އަދިވެސް އެކަން ބައްލަވައި ފިޔަވަޅު އަޅުއްވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއިން ޙައްޖަށްދާ އެންމެން މިހާރު ވަނީ ފުރާފައެވެ. ހުރިހާ ހާޖީން ތިބީ ހެޔޮޙާލުގައިކަމަށް އިސްލާމިކް އެފެއަރޒް މިނިސްޓްރީން ވިދާޅުވިއެވެ.