ކުޅިވަރު

ވިނީޝިއުސް އާއި އަލޮންސޯ ގުޅުން ހީނަރުވެއްޖެ


ރެއާލް މެޑްރިޑްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ އާއި ކޯޗު ޒަބީ އަލޮންސޯގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެއްޖެ އެވެ.

ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި މި ދެ މީހުންގެ ގޯސްވަމުން އަންނަ ގުޅުން އިތުރަށް ގޯސްވީ އާދީއްތަ ދުވަހުގެ ރޭ ކުޅުނު އެލް ކްލެސިކޯ މެޗުގެ 72 ވަނަ މިނިޓްގައި ވިނީޝިއުސް ބަދަލު ކުރުމުންނެވެ.

މިއާއެކު ކޯޗުގެ ނިންމުމާމެދު ހިތްހަމަ ނުޖެހުން ފާޅު ކުރަމުން އޭނާ ދިޔައީ ސީދާ ޗޭންޖިން ރޫމަށެވެ. ފަހުން ބެންޗަށް އައި ނަމަވެސް އޭނާ ހުރީ ވަރަށް ބޮޑަށް ނުތަނަސްކަމުގަ އެވެ. އަދި މިގޮތަށް ކަންކަންދާ ނަމަ ވިނީޝިއުސް ހުރީ ރެއާލް ދޫކޮށްލަން ތައްޔާރަށް ކަމަށެވެ.

މެޗަށް ފަހު ނޫސްވެރިން ސުވާލު ކުރުމުން އަލޮންސޯ ބުނީ އޭނާ ބޭނުންވަނީ ވާދަވެރި ބާސެލޯނާ އަތުން މޮޅުވެ، ފަސް ޕޮއިންޓަށް ލީޑް ފުޅާ ކުރެވުމުން އެކަމުގެ މުހިންމު ކަމުގެ ވާހަކަ ދައްކަން ކަމަށެވެ. އަދި ވިނީޝިއުސްއާ ބެހޭ ގޮތުން ވެސް ދައްކަން އޮތީ ރަނގަޅު ވާހަކަތަކެއް ކަމަށެވެ.

އަލޮންސޯ ވެސް ވަނީ މެޗުގަ އާއި މެޗަށް ފަހު ހިނގައިދިޔަ ކަންކަމާ ގުޅޭ ގޮތުން އޭނާ ވިނީޝިއުސްއާ ވާހަކަ ދައްކާނެ ކަމަށެވެ. މި މެޗަށް ފަހު ބާސެލޯނާގެ ލަމީން ޔަމާލް އާއި ވިނީޝިއުސްއާ ދެމެދު ހިނގި ދެބަސްވުމަށްފަހު ވިނީޝިއުސް މައިތިރިކުރީ ރެއާލްގެ ކުޅުންތެރިންނާއި އޮފިޝަލުންނެވެ. މެޗަށް ފަހު އޭނާގެ އަމަލުތައް ހުރި ގޮތަށް ބަލާފައި އަދަބެއް އައުމަކީ ވެސް ވުން ގާތް ކަމެކެވެ.

ސްޕޭނުގެ ބައެއް ނޫސްތަކުން ބުނަނީ އަލޮންސޯ އަކީ ބްރެޒިލްގެ ފޯވަޑްގެ ސަޕޯޓަރެއް ނޫން ކަމަށް ކުޅުންތެރިޔާ ގަބޫލުކުރާ ކަމަށެވެ. މި ސީޒަނުގައި ރެއާލްގެ ކޯޗުކަމާ ހަވާލުވި އަލޮންސޯގެ ކޯޗުކަމުގައި ވިނީޝިއުސް އަށް ލިބެނީ އޭނާ ކުރިން ރެއާލްގައި އަދާކުރި ރޯލަށްވުރެ ކުޑަ ރޯލެކެވެ. އަދި ފަސް މެޗެއްގައި އޭނާ ބަދަލުކުރިއިރު ތިން މެޗެއްގައި ފުރަތަމަ 11ގައި ވަނީ ނުހިމަނައިފަ އެވެ. މިކަމާ ގުޅޭ ގޮތުން ރެއާލްގެ ބައެއް ކުޅުންތެރިންނާ ހަވާލާދީފައިވާ މީޑިއާ ރިޕޯޓްތައް ބުނަނީ އަލޮންސޯއާ ވާހަކަ ދެއްކުމުގެ ކުރިން ރެއާލްގެ ސީނިއާ ބައެއް ކުޅުންތެރިންނާ މަޝްވަރާ ކުރަން ވިނީޝިއުސް ނިންމާފައިވާ ކަމަށެވެ.

އޭނާ އާއި ރެއާލްގެ ގުޅުން ވެސް މުޅިން ރަނގަޅެއް ނޫނެވެ. ސަބަބަކީ ފްރާންސްގެ ފޯވަޑް ކީލިއަން އެންބާޕޭ އަށް ދޭ ވަރުގެ މުސާރައެއް ނުދޭނަމަ ކޮންޓްރެކްޓް އާކުރަން 25 އަހަރުގެ ފޯވަޑް ބޭނުން ނުވާތީ އެވެ. އަދި އެމްބާޕޭ ގެނައި ފަހުން ޓީމުގެ އިސް ފޯވަޑަކަށް ވެފައިވަނީ އޭނާ ކަމުގައިވާތީ އެވެ.

ވިނީޝުއުސް ގެންދަން އެންމެ ބޮޑަސް ބޭނުންވަނީ ސައޫދީ އަރަބިއާގެ ކުލަބުތަކުންނެވެ. އޭނާ އަކީ ސައޫދީގެ ޓުވަރިޒަމް އެމްބެސެޑަރެއްވެސްމެ އެވެ. ކޮންޓްރެކްޓް އާ ނުކޮށް ވިނީޝުއުސް މަޑުކުރަނީ ވެސް އޭނާ އަށް ސައޫދީ ކުލަބަކަށް ކުޅެން ސަރުކާރުން ހުށަހަޅާ އަގު ބޮޑުކަމުންނާ ވެސް އެކުގަ އެވެ.