އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓަކާއި ހެލިކޮޕްޓަރެއް ދެކުނު ޗައިނާ ކަނޑަށް ވެއްޓިއްޖެއެވެ. މި ދެ އަސްކަރީ އުޅަނދު ވެއްޓިފައި ވަނީ ތަފާތު ދެ ހާދިޘާއެއްގައެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ބުނީ ދެ އުޅަނދަކީ ވެސް އެއް އަސްކަރީ މަނަވަރަށް ނިސްބަތްވާ ދެ އުޅަނދު ކަމަށެވެ. އެއީ ޔޫއެސްއެސް ނިމިޓްޒެވެ. ފުރަތަމަ ވެއްޓިފައި ވަނީ ސީ ހޯކް އަސްކަރީ ހެލިކޮޕްޓަރެކެވެ. އެފްއޭ-18އެފް ސުޕަރ ހޯނެޓް މަރުކާގެ ފައިޓާ ޖެޓު ވެއްޓިފައި ވަނީ ހެލިކޮޕްޓަރު ވެއްޓުމުގެ ގަޑިއިރެއްހާއިރު ފަހުންނެވެ.
ހާދިޘާތައް ހިނގާފައި ވަނީ ދެކުނު ޗައިނާ ކަނޑުގެ ސީދާ ކޮން ސަރަޙައްދެއްގައި އެ މަނަވަރު ޙަރަކާތްތެރިވަމުން ދަނިކޮށް ކަމެއް އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ. އުޅަނދުތައް ވެއްޓިފައި ވަނީ ދެކުނު ޗައިނާ ކަނޑުގައި އާންމުކޮށް ހިންގާ އަސްކަރީ ޙަރަކާތްތައް ކުރިއަށް ގެންދަނިކޮށް ކަމަށް އެ ޤައުމުގެ ކަނޑުގެ ސިފައިން ބުނެއެވެ. އެ ހާދިޘާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
ދެ ހާދިޘާ ހިނގާފައި މި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިޔާއަށް ދަތުރުފުޅެއް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. ހާދިޘާތަކާ ގުޅޭގޮތުން އެއަރ ފޯސް ވަންގައި ހުންނަވައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެ ފަދަ ހާދިޘާތައް ހިނގުމަކީ އާދަޔާޚިލާފު ކަމެއް ކަމަށާއި، އެ ހާދިޘާތައް މެދުވެރިވީ ބޭނުންކުރެވުނު ތެލެއްގެ ގޮތުން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. އުޅަނދުތައް ވެއްޓެން މެދުވެރިވި ސަބަބު ވަރަށް އަވަހަށް ދެނެގަނެވޭނެ ކަމަށް ޤަބޫލުކުރައްވައި ކަމަށް ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.
ދެ ހާދިޘާއާ ގުޅިގެން ޗައިނާއިން ވަނީ އެމެރިކާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅައިފައެވެ.