ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 8 ކްލާސްރޫމާއި، އެޑްމިން ބްލޮކް އިމާރާތްކުރުމުގެ މަޝްރޫޢު ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.އިސްމާޢީލު ޝަފީީޢުއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރައްޒާންއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ވިދާޅުވީ އެ ރަށު ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި އެޑްމިން ބްލޮކްގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާނެކަމަށެވެ.