ވަކީލުންނަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގައި ފަނޑިޔާރުންނަށް އެހީތެރިވާންޖެހޭ ބައެއް އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އުއްތަމަފަނޑިޔާރު މިހެން ވިދާޅުވީ ޤާނޫނީ ވަކީލުން ހުވާކުރެއްވުމަށް ބާ ކައުންސިލުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ ކޮންމެ ޤާނޫނީ ވަކީލަކީވެސް ޚަސްމުންގެ ޙައްޤުތައް ކަށަވަރުކޮށްދޭ މީހެއްކަމަށާއި، އެހެންކަމުން މައްސަލަތަކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ފަނޑިޔާރުންނަށް މަޢުލޫމާތު ހިއްސާކުރުން މުހިންމުކަމަށެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ ކޮންމެ ވަކީލަކީވެސް ޢަދުލު އިންސާފު ޤާއިމުކުރުމުގައި ފަނޑިޔާރުންނަށް އެހީތެރިވާ މީހަކަށްވާންޖެހޭ ކަމަށެވެ. އުއްތަމަފަނޑިޔާރު ވަނީ ކާމިޔާބު ވަކީލަކަށްވުމަށްޓަކައި ވިސްނަންޖެހޭ ބައެއް ކަންކަންވެސް ޙިއްސާކުރައްވާފައެވެ. އެގޮތުން ވަކި ދާއިރާއަކަށް ޚާއްސަވެ، އެ ދާއިރާއަކުން ދިރާސާކުރުން މުހިންމުކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކީ ޤާނޫނީ ޢިލްމުގެ ތެރެއަށް ފީނުން. ޤާނޫނީ ދާއިރާ ހަނިކޮށްލަންވީ. އެންމެ ޝައުޤުވެރިވާ ދާއިރާއަކަށް ޚާއްސަވާންވީ. އެ ދާއިރާއެއް ދިރާސާކުރަންވީ. ހުރިހާ ދާއިރާއަކަށް ވަންނަންވެއްޖިއްޔާ މަސައްކަތަކަށް ރަނގަޅަށް ތައްޔާރެއް ނުވެވޭނެ." އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ މައްސަލަތަކުގައި ވަކާލާތުކުރައްވާއިރު، ޚުލާސާކޮށް ހުށައެޅުމުގެ ހުނަރާއި ކަނުލައި އަޑުއެހުމުގެ ހުނަރު ތަރައްޤީކުރަންޖެހޭކަމަށެވެ. އަދި ޤާނޫނީ ދާއިރާގެ މަސައްކަތުގައި ކޮންމެވެސްވަރަކަށް ނިކަމެތިންނަށް ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށްވެސް އުއްތަމަފަނޑިޔާރު އެދިވަޑައިގެންނެވިއެވެ.
ބާ ކައުންސިލުން ބޭއްވި ވަކީލުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި 19 ވަކީލަކު ވަނީ އަލަށް ހުވާކުރައްވާފައެވެ. ވަކީލުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ. ހުވާކުރެއްވި ވަކީލުންނާއެކު މިހާރު ބާ ކައުންސިލުގެ ވަކީލުންގެ ދަފުތަރުގައި 1919 ވަކީލުން މިހާރު ތިއްބަވައެވެ.
ވަކީލުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބާ ކައުންސިލްގެ އިސްވެރިންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި ޤާޟީންގެ އިތުރުން ޔުނިވަރސިޓީތަކުގައި ވަކީލުން ބިނާކުރުމުގައި ހަރަކާތްތެރިވާ ޤާނޫނީ ދާއިރާގެ ލެކްޗަރަރއިން ބައިވެރިވެވަޑައިގެންނެވިއެވެ.