ސްޕޭނުގެ ނޫސްތަކުން މިހާރު އެންމެ ބޮޑަށް ދައްކަމުން އަންނަ ވާހަކަ އަކީ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒްގެ ވާހަކަ އެވެ.
އެތްކެޓިކޯގެ ޕްލޭނުގައި ޔޫރަޕާއި ސްޕޭނުގައި ވެސް ކާމިޔާބު ހޯދުން ނެތް ކަމަށާއި މިހެންވެ އެހެން ކުލަބަކަށް ބަދަލުވާން އޭނާ ބޭނުންވާ ވާހަކަ އެވެ. މި ވާހަކަ އެންމެ ބޮޑަށް ގުޅުވަމުންދަނީ ބާސެލޯނާއާ އެވެ. މިއާއެކު ދެން އިވުނީ އެތްލެޓިކޯއިން އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށް ކުރި މަސައްކަތް މި ހަފުތާގައި ނާކާމިޔާބުވި ވާހަކަ އެވެ.
އެތްލެޓިކޯއަށް މިދިޔަ ސީޒަނުގައި ބަދަލުވި އަލްވަރޭޒް އެ ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ހަތަރު އަހަރު އެބައޮތެވެ. ކޯޗު ޑިއެގޯ ސިމިއޯނޭ ބުނާ ގޮތުގައި އެއީ މިހާތަނަށް އެ ކުލަބަށް ކުޅުނު އެންމެ މޮޅު ފޯވަޑެވެ. ނަމަވެސް އަންނަ އަހަރަކީ ބާސެލޯނާގެ އިންތިހާބީ އަހަރު ކަމަށްވުމުން ރައީސް ޖޯން ލަޕޯޓާ އެންމެ ބޮޑަށް ކަޅި އަޅަމުންދާ އެއް ކުޅުންތެރިއަކީ ވެސް އަލްވަރޭޒް އެވެ.
މިކަމާ ގުޅިގެން އޭނާގެ އެޖެންޓް ވެސް އެންމެ ފަހުން ވަނީ ވާހަކަ ދައްކައިފަ އެވެ. ފެނާންޑޯ ހިޑާލްގޯ ބުނީ ކޮންޓްރެކްޓް އާ ނުކުރި ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ނަމަވެސް އާޖެންޓީނާގެ ކޮންމެ ކުޅުންތެރިއަކު ވެސް އެ ގައުމުގެ ކެޕްޓަން ލަޔޮނަލް މެސީ އަށް ތާއީދު ކުރާ ކަމަށާއި މެސީގެ ފަސްފަހަތް ބަލާ ކަމަށެވެ. މި ގޮތުން މެސީ ކުޅުނު ކުލަބަކީ ބާސެލޯނާ ކަމަށްވުމުން އެ ކުލަބުގައި ކާމިޔާބު ހޯދުމަކީ ބައެއް ކުޅުންތެރިންގެ ވިސްނުމުގައި ހުންނާނެ ކަމަކަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި ބާސެލޯނާގެ މާލީ ހާލަތު ރަނގަޅުވުމާއެކު ލަޕޯޓާ ގަންނާނެ ފުރަތަމަ ކުޅުންތެރިއަކަށް ވާނީ އަލްވަރޭޒް އެވެ. ނަމަވެސް ފްރާންސްގެ ފޯވަޑް އެންޓޮއިން ގްރިއެޒްމަން ބާސެލޯނާ އަށް ވިއްކާލީ 120 މިލިއަން ޔޫރޯ އަށް ކަމަށާއިރު އަލްވަރޭޒްގެ އުމުރާއި އޭނާގެ މޮޅު ކުޅުމަށް ބަލާފައި ވިއްކާ އަގު 500 މިލިއަނުން ފަށަން އެތްލެޓިކޯއިން ބޭނުންވެދާނެ ކަމަށެވެ.