ރެއާލް މެޑްރިޑާ ދެކޮޅަށް މިރޭ ކުޅެން ނުކުންނާނެ ބާސެލޯނާގެ ކުޅުންތެރިން ޔަގީންވާނީ އެންމެ ފަހު ވަގުތު ކަމަށް އެ ޓީމުން ބުނެފިއެވެ.
މި މެޗަށް ހެޑް ކޯޗު ހަންސީ ފްލިކް ވަނީ ސަސްޕެންޑްކޮށްފައެވެ. އޭނާގެ ބަދަލުގައި މިރޭގެ މެޗުގައި ކުޅުންތެރިންނަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު މާކަސް ސޯގެވެ. މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސޯގް ބުނީ ޓީމު ރާވާނީ ފްލިކް ކަމަށާއި އަނިޔާގެ މައްސަލަތައް ގިނަކަމުން ޓީމުގައި ހިމަނާނެ ކުޅުންތެރިން އެނގޭނީ ފަހު ވަގުތުގައި ކަމަށެވެ.
ސްޕެއިންގެ މީޑިއާތަކުން ބުނާ ގޮތުގައި މި މެޗުގައި ބްރެޒިލްގެ ރަފީނިއާ ނުކުޅޭނެއެވެ. އެކަމާ ބެހޭ ގޮތުން ސޯގް ބުނީ "ކޮންމެ ޓީމަކުން ވެސް ރަފީނިއާ ނެތުމުގެ އިހުސާސް ކުރާނެ،" ކަމަށެވެ.
ނަމަވެސް ފޯވަޑް ފެރަން ޓޮރޭޒަށް ކުޅެވޭނެކަން ނިންމާނީ ފަހު ވަގުތުއެވެ. އޭނާ އަށްވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް ހާލަތު ރަނގަޅުވެ ޑިފެންޑަރު ހޫލްސް ކޫންޑޭ ވަނީ ޓީމާއެކު ފަރިތަކޮށްފައެވެ.
މެޗުގައި ނުކުޅޭނެ ކުޅުންތެރިންގެ ތެރޭގައި ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އާއި ގަވީ އަދި ކީޕަރު ޖޯން ގާސިއާ ހިމެނެއެވެ. މި ހުރިހާ ކުޅުންތެރިންނަށް ވެސް ވަނީ އަނިޔާވެފައެވެ. މީގެ އިތުރުން މިޑްފީލްޑަރު ޑެނީ އޮލްމޯ އާއި ފްރޭންކީ ޑިޔޮންގާއި ލަމީން ޔަމާލް ވެސް 100 ޕަސެންޓް ފިޓެއް ނޫނެވެ.
މިމައްސަލަތަކާ ބެހެ ގޮތުން ސޯގް ބުނީ ކުޅުންތެރިންގެ ހާލަތު ހުރި ގޮތުން ބާސެލޯނާގެ އެންމެ ފުރިހަމަ 11 ނެރެން ދަތިވާނެ ކަމަށާއި ހުސްވި ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން ރެއާލް ބަލި ކުރި ނަމަވެސް ކޮންމެ ފަހަރަކު އެކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
މި މެޗަށް ނުކުންނައިރު ރެއާލް އޮތީ 24 ޕޮއިންޓާއެކު ސްޕެނިޝް ލީގުގެ ޓޭބަލުގެ އެއްވަނައިގައެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ 22 ޕޮއިންޓާއެކު ދެ ވަނައިގައެވެ.