ކަސްޓަމުން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދުއާއި އިތުރު ބަޔަލު ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މި މައްސަލާގައި ވަހީދާއި އިތުރު ވިޔަފާރިވެރިއަކާއި، ކަސްޓަމްސްގެ އޮފިސަރަކާއި އަދި އާއްމުންގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
ވަހީދުގެ ބަންދުގެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން މިއަދު ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރު ނެރެދެއްވާފައެވެ.
މި މައްސަލާގައި އިތުރު 3 މީހަކު އިއްޔެވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ
1- އަހުމަދު ޝަމީމް- ހދ. ވައިކަރަދޫ، ނޫރަލީގެ (42 އަހަރު)
2- އަހުމަދު ފިރުޝާން- ހ. ރުމޭނިއާ (35 އަހަރު)
3- ހުސައިން ސާމިހް- އައްޑޫ ހިތަދޫ، ޗާންދަނީގޭ (35 އަހަރު)
މި މީހުންގެ ތެރެއިން އަހުމަދު ޝަމީމާއި ހުސައިން 7 ދުވަހަށް ބަންދުކުރުމަށް އަދި އަހުމަދު ފިރުޝާން 5 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ވަނީ އަމުރު ނެރެދެއްވާފައެވެ. މި 3 މީހުން ހިމެނޭގޮތަށް މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 9 އަށް އަރާފައެވެ. އަދި މި މައްސަލައިގެ ތަހުގީގަށް 12 މީހަކު ވަނީ ރާއްޖެއިން ފުރުން މަނާކޮށްފައިވާއިރު، އެމްޕީއެލްގެ 6 މުވައްޒަފަކު ވަނީ ވަޒީފާއިން ސަސްޕެންޑުވެސްކޮށްފައެވެ.