އައްޑޫގެ ހުޅުދޫއާއި މީދޫ ރައްޔިތުން ބޭނުންވަނީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ރަށު ކައުންސިލް އުފައްދަންކަމަށާއި، ނަމަވެސް ފޭދޫ މީހުން ބޭނުންވަނީ ސިޓީ ކައުންސިލާއެކު ދެމިތިބެންކަމަށް މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ.
އައްޑޫ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ. އަދި މިވޯޓަކީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއް ހަދައިގެން، އެ ޤާނޫނުގެ ދަށުން ނެގި ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި ވޯޓުގައި ފޭދޫ އާއި ހުޅުދޫ އާއި މީދޫ އަދި މާލޭގައި ޖުމްލަ 18 ވޯޓު ފޮށި ބަހައްޓާފައެވެ. މި ވޯޓުގައި ވޯޓުލުމުގެ ޙައްގު 9576 މީހަކަށް ލިބިފައިވާއިރު ވޯޓު ފޮށިތައް ބަންދުކުރިއިރު ވޯޓުލާފައިވަނީ 4510 މީހުންނެވެ.
ފޭދޫގެ ރައްޔިތުން ވޯޓުލުމަށް 8 ވޯޓު ފޮށި ބަހައްޓާފައިވާއިރު ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ގިނަ މީހުން ވޯޓު ދީފައިވަނީ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށެވެ.
ހުޅުދޫގެ ރައްޔިތުން ވޯޓުލުމަށް 6 ވޯޓު ފޮށި ބަހައްޓާފައިވާއިރު އެ ރަށުގެ ގިނަ ރައްޔިތުން ވޯޓު ދީފައިވަނީ ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ.
މީދޫގެ ރައްޔިތުން ވޯޓުލުމަށް ޖުމްލަ ބަހައްޓާފައިވަނީ 4 ވޯޓު ފޮއްޓެވެ. އެ ހުރިހާ ފޮއްޓެއްގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ވޯޓުލި މީހުންގެ ބޮޑު އިންސައްތައެއް ބޭނުންވަނީ ވަކި ކައުންސިލެއް އުފައްދައި އިދާރީ ގޮތުން ވަކި ރަށަކަށް ބަދަލުވުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރުމާއެކު ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކައުންސިލްތައް ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ. ބެލެވޭގޮތުގައި އައު ކައުންސިލްތައް އުފެދިގެންދާނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއެކުގައެވެ.
އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނެގީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. ނަމަވެސް މި ވޯޓުގައި ސަރުކާރުން ވަކި ގޮތަކަށް ތާޢީދުކޮށް، ވަކާލާތުކޮށްފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވެފައި ވަނީ މި ވޯޓު ނަގަނީ މިއީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެސިޓީގެ ބައެއް ރަށްރަށުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި ގުޅިގެން އެކަމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދަވާ އެކަމަށް ދާއިމީ ހައްލެއް ގެނައުމަށްކަމަށެވެ. އެހެންކަމުން މި ވޯޓަކީ، އައްޑޫ ސިޓީގެ ބައެއް ރަށްރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެވަޢުދު ފުއްދެވުމަށްކުރައްވާ މަސައްކަތެއްކަން ރައީސް ވަނީ ފާހަގަކުރެއްވިއެވެ. ނަމަވެސް މި ވޯޓުގައި ސަރުކާރުން ވަކި ގޮތަކަށް ތާޢީދުނުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެކަން ކުރެވޭނީ ޤާނޫނީ ނިޒާމުގެ ތެރެއިން އެކަމަށް ސަރުކާރުން ޖެހޭނީ ރައްޔިތުން ގާތު އަހަން. އެހެންކަމުން އެރައްޔިތުން ނިންމާ ކޮންމެ ގޮތަކީ ސަރުކާރުގެ ސްޓޭންޑް، ސަރުކާރުން ތާޢީދުކުރާނެ ގޮތް. ސަރުކަރުން ވަކި ޕްރިފަރކުރާ އަދި ބޭނުންވާ އެއްވެސްކަމެއް އެކަމުގައި ނެތް. މިހާރު އޮތް ކޮމްޕޮޒިޝަން ބޭއްވުންކަމަށް ވިޔަސް އަދި ވަކި ވަކި ކައުންސިލަތަކެއް ހަދަން ނިންމެވިޔަސް އެކަމަށްވެސް ސަރުކާރުގެ ފުރިހަމަ ތާޢީދުލިބޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށް ރަށް ވަކިވާން އެދިއްޖެނަމަ، މިހާރު އޮތް އުސޫލުގެ ތެރެއިން ފޭދޫއަށް ބްލޮކް ގްރާންޓްގެ ގޮތުގައި އަހަރަކު 50 މިލިއަން ރުފިޔާ ލިބޭނެކަމަށާއި ހުޅުދޫއަށް 14 މިލިއަން އަދި މީދޫއަށް 18 މިލިއަން ބްލޮކް ގްރާންޓުގެ ގޮތުގައި ލިބިގެންދާނެކަމަށެވެ. އަދި އައްޑޫގެ ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް ސަރުކާރުގެ ތާޢީދު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ވަކިވަކި ފޮށިތަކުގެ ނަތީޖާތައް އިއުލާންކުރަމުންދާއިރު، މިރޭގެ ވަގުތެއްގައި ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ އިއުލާންކުރާނެއެވެ.