ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރަތައް ކުރެއްވި ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްޢިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރައީސުލްޖުމްހޫރިއްޔާ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ.
ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމާއި، އެދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެގެ ފުޓްބޯލްކުރިއެރުވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް އެއްބާރުލުންދޭނެކަމުގެ ޔަޤީންކަން ދެބޭފުޅުންވެސްވަނީ ދެއްވާފައެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން ރައީސްއާ ބައްދަލުކުރެއްވިއިރު، މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ ޚާއްސަ ފުޓްބޯޅަ ފެސްޓިވަލްގައިވެސް ދެ ބޭފުޅުން ވަނީ ބައިވެރިވެޑައިގެންފައެވެ.
މިއީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ޒިޔާރަތުގައި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާއި ވަސީލަތްތައް ހުރިގޮތާއި އެހެނިހެން ކަންކަން އިންފަންޓީނޯ ވަނީ އޮޅުންފިލުއްވާފައެވެ.
ފީފާގެ ރައީސްގެ މި ދަތުރުފުޅު ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅައަށް އަލުން ދިރުން ގެނެސް ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރަކަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައަށް އަލުން ރޫހު ގެނެސް، އެފްއޭއެމްގެ ހިންގުން ހަރުދަނާވެ، ކުލަބުތަކުގެ މާލީ ނިޒާމާއި، ކުޅުންތެރިންނަށް ލިބެންޖެހޭ ހައްގުތައް އަލުން ހޯދައިދީ، ފުޓްބޯޅައިގެ ތެރޭގައި ހުނަރުވެރިން ކުޅުންތެރިން ހިފެހެއްޓުމަށް ކުރާ މަސައްކަތަށްވެސް އިތުރު ބާރެއްލިބިގެންދާނެއެވެ.