ދިވެހި ފުޓްބޯޅައަށް 75 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ބޭނުންކުރާ ލޯގޯ ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައިފިއެވެ.
މި ލޯގޯ އިފްތިތާހުކޮށް، ދައްކާލާފައިވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން މިއަދު ހަވީރު ބޭއްވި ފުޓްބޯޅައިގެ ޚާއްސަ ފެސްޓިވަލްގެ ތެރެއިންނެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި މި ފެސްޓިވަލްގައި ލޯގޯ އިފްތިތާހުކޮށްދެއްވީ ފީފާގެ ރައީސް އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް އެފްއޭއެމުން މީގެ ކުރިން ކޮމިޓީއެއް އެކުލަވާލާފައިވާއިރު، އެ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިންއެވެ. އެފްއޭއެމްގެ އައު ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވަނީ މި އަހަރަކީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރޭ އަހަރުކަމަށްވާތީ އެކަން ކުލަގަދަކޮށް ފާހަގަކުރުމުގެ މަގުސަދުގައި އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އެކަމަށް ޚާއްސަ ކޮމިޓީއެއް "ޑައިމަންޑް ޖުބިލީ ކޮމިޓީީ" ގެ ނަމުގައި އުފެއްދުމަށެވެ.
އަދި އެ ކޮމިޓީ އުފައްދައި ކުލަގަދަކޮށް އެކަން ފާހަގަކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ޗެއާމަނަކަށް ގައުމީ ޓީމުގެ ކުރީގެ ކޯޗު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މިހާރުގެ ކޯޗު ސުޒެއިން ހަމަޖައްސާފައިވާއިރު، ޑައިމަންޑް ޖުބިލީ ކޮމިޓީ އުފައްދާފައިވަނީ އެޑްހޮކް ކޮމިޓީއެއްގެ ގޮތުގައެވެ. ޑައިމަންޑް ޖުބިލީ ކޮމިޓީ އެކުލަވާލާފައި ވަނީ ކުލަބުތަކުން ނަން ފޮނުވައިގެންނެވެ.
ދިވެހި ފުޓުބޯޅައަށް 75 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން 75 ހަރަކާތެއް ރާވާފައިވާ ކަމަށާއި، އެ ހަރަކާތްތައް ކުރިއަށްދާނީ އެފްއޭއެމްގެ ކުޅިވަރު ކަލަންޑަރާ ގުޅިލާމެހިންގެން ކަމަށް އެ އިދާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން އަންނަ އަހަރުގެ ޖޫން މަހު އަލިމަސްޔޫބީލް ފާހަގަކުރުމަށް ޚާއްސަ ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ރާވާފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކުން ފުޓުބޯޅަ ޝަޚުޞިއްޔަތެއް ހޮވުމާއި، ފުޓްބޯޅައަށް އެންމެ ޚިދުމަތްތެރި ރަށެއް ހޮވުމާއި، އަލިމަސްޔޫބީލްއާ ގުޅޭ ލަވައެއް ނެރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.