މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުނުވެ ބާސެލޯނާގައި ގިނަ ދުވަހު މަޑުކުރަން ބޭނުންވާ ކަމަށް އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ބުނެފިއެވެ.
އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގައި އުމުރުން 27 އަހަރުގެ ރަޝްފޯޑް ބާސެލޯނާއާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ޔުނައިޓެޑާ އެކު ރަޝްފޯޑް ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް އޮތްއިރު، ބާސެލޯނާ އާއެކު ހަދާފައިވާ ލޯނު އެއްބަސްވުމުގެ ދަށުން ރަޝްފޯޑާއެކު ދާއިމީ އެއްބަސްވުމެއް ހެދުމަށް ބާސެލޯނާއިން ޔުނައިޓެޑަށް ދޭން ޖެހޭނީ 28 މިލިޔަން ޕައުންޑެވެ. މީގެ ކުރިން ޔުނައިޓެޑުން ރަޝްފޯޑް ވިއްކާލުމަށް ކިޔާފައިވަނީ 40 މިލިޔަން ޕައުންޑުގެ ފީއެކެވެ.
މީގެ ކުރިންވެސް ރަޝްފޯޑާއި ޔުނައިޓެޑާ ދެމެދު އޮތް ގުޅުން ގޯސްވިއިރު، މި އަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑް ވަނީ އެސްޓަން ވިލާއަށްވެސް ބަދަލުވެފައެވެ. އެއީ މިދިޔަ ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑާ ހަވާލުވި ކޯޗު ރުބެން އަމޮރިމްއާ ޖެހުނު މައްސަލައަކާ ގުޅިގެންނެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރަޝްފޯޑް ވަނީ ބާސެލޯނާގެ އެއްބަސްވުން ދާއިމީކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. ބާސެލޯނާގައި މަޑުކުރަން ބޭނުންތޯ ސުވާލު ކުރުމުން ރަޝްފޯޑް ބުނީ ސްޕެއިންގައި ހޭދަކުރަމުން އަންނަ ވަގުތު ވަރަށް ކަމުދާ ކަމަށާއި، އޭނާއަށް ބާސެލޯނާ ވަރަށް ކަމުދާ ކަމަށެވެ. އަދި މެންޗެސްޓާގައި 23 އަހަރު ހޭދަކޮށްފައިވާއިރު، މިއީ ބަދަލަކަށް އެންމެ ރަނގަޅު ވަގުތު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވާނެ ބާސެލޯނާއަށް ކުޅެން އަދި މި ކްލަބާއިއެކު އަހަރެން ހޭދަކުރަނީ ވަރަށް އުފާވެރި ދުވަސްތަކެއް. ހަމަ ޔަގީނުންވެސް އަހަރެން ބޭނުން މި ކުލަބުގައި މަޑުކުރަން." އީއެސްޕީއެންއަށް ދިން އިންޓަވިއުއެއްގައި ރަޝްފޯޑް ބުންޏެވެ.
ބާސެލޯނާއަށް ބަދަލުވެ އެ ޓީމުގައި ރަޝްފޯޑް މުހިންމު ދައުރެއް އަދާކުރަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ބާސެލޯނާއަށް 12 މެޗު ކުޅެދީ ފަސް ލަނޑު ޖަހާފައެވެ. އޭގެ ތެރެއިން ދެ ލަނޑަކީ މިދިޔަ އަންގާރަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި އޮލިމްޕިއާކޯސްއާ ދެކޮޅަށް ޖެހި ދެ ލަނޑެވެ.