ޚަބަރު

ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއް


  • މި ފަންޑުން ފައިސާ ދޫކުރާ ސްކީމް މިހާރު ވަނީ އެކުލަވާލާފައި

  • މި ފަންޑަށް ބޭންކުތަކުން ވަކި އިންސައްތައެއް ޖަމާކުރާނެ

ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއް ޤާއިމުކޮށްފިއެވެ.

މި ފަންޑު ޤާއިމުކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިހާރު ގެޒެޓުކޮށްފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމާބެހޭ ގަވާއިދުގެ ދަށުންނެވެ.

އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމާ ބެހޭ ގަވާއިދުގެ ބޭނުމަކީ ގެދޮރު ގަތުމަށް ބޭނުންވާ ފައިނޭންސިންގ އިސްލާމިކް ފައިނޭންސިންގގެ އުސޫލުތަކާ އެއްގޮތްވާ މަތީން އަގުހެޔޮކޮށް ލިބޭނެ ގޮތް ހަމަޖެއްސުމަށް ޓަކައި އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމާއި އެ ސްކީމުގެ ފަންޑު ގާއިމުކޮށް ހިންގުމުގެ ކަންކަން ބަޔާންކުރުމެވެ.

މި ގަވާއިދާއެކު އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް މިހާރު ވަނީ އުފެދިފައެވެ. މި ސްކީމްގެ މަޤުޞަދަކީ މާލެ ސަރަހައްދުގައި ގެދޮރު ގަތުމަށް ބޭނުންވާ ފައިނޭންސިންގ އަގުހެޔޮކޮށް ރައްޔިތުންނަށް ލިބޭނެ ގޮތް މަގުފަހިކޮށްދިނުމެވެ. މި ސްކީމް ހިންގުމަށް ހަމަޖެހިފައިވަނީ 5 އަހަރު ދުވަހަށެވެ.

މި ގަވާއިދުގެ ދަށުން އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމާއި ސްކީމުގެ ފަންޑު ހިންގާނީ އެކަމަށް އެމްއެމްއޭއިން ކަނޑައަޅާ މާލީ އިދާރާއިންނެވެ. އަދި މި ފަންޑު މިހާރު ވަނީ ގަވާއިދާއެކު އުފެދިފައެވެ. މި ގަވާއިދުގައިވާ ގޮތުން އެމްއެމްއޭއިން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ކޮންމެ ބޭންކަކުން ވެސް، އެ ބޭންކަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ ފައިސާގެ ތެރެއިން 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް ފަންޑަށް ދޫކުރަންޖެހޭނެއެވެ.

އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން މާލީ އެހީތެރިކަން ދޫކުރަނީ ދެ ފެސިލިޓީއެއްގެ ދަށުންނެވެ. އެއީ ޓައިޕް އޭ ފައިނޭންސިންގ ފެސިލިޓީއާއި ޓައިޕް ބީ ފައިނޭންސިންގ ފެސިލިޓީއެވެ. ކޮންމެ ބާވަތެއްގެ ފައިނެންސިން ފެސިލިޓީއަށް ދޫކުރާނެ ފަންޑުގެ މިންވަރު، އެމްއެމްއޭއިން ކަނޑައަޅާނެއެވެ. އަދި އެމްއެމްއޭއިން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ކޮންމެ ފައިނޭންސިންގ ފެސިލިޓީއެއްގެ މުއްދަތަކީ މަދުވެގެން 25 އަހަރެވެ. އަދި ފެސިލިޓީ ނަގާ ފަރާތުން މި މުއްދަތަށްވުރެ ކުރު މުއްދަތެއް ހަމަޖައްސަން އެދި ހުށަހަޅައިފައިވާނަމަ، އެ މުއްދަތެއް ހަމަޖެއްސިދާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.