ތަޢުލީމު

ހަނިމާދޫ ސްކޫލްގެ މަލްޓި ޕާޕަސްހޯލް އަންނަ އަހަރު ނިމޭނެ


ހދ. ހަނިމާދޫ ސްކޫލަކީ ހަތަރު ސަތޭކައަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުންދާ ސްކޫލެކެވެ. މިސްކޫލްގައި ފަށާ ތަޢުލީމް ފެށިގެން ގްރޭޑް ބާރައާއި ހަމައަށް ދަނީ ކިޔަވައިދެއްވަމުންނެވެ. ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ތެރޭގައި ހިމެނޭ ބީޓެކް ޕްރޮގްރާމްއާއި ދަސްވާރު ޕްރޮގްރާމް މި ސްކޫލްގައިވެސް ކުރިއަށްގެންދަވައެވެ. 

ހަނިމާދޫ ސްކޫލް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގެ ތެރެއިން ދެން އެންމެ އަވަހަށް ފެށިގެންދާނީ އެސްކޫލްގެ މަލްޓިޕާރޕަސް ހޯލްގެ މަސައްކަތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިޢިމާރާތަކީ މިއަހަރުގެ ބަޖެޓްގެ ހިމެނުވައިގެން ކުރިއަށްގެންދަވާ މަސައްކަތެއް ކަމަށްވެސް އެމިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. 4.2 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މި މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އައިލެންޑް ލައިން ޕްރައިވެޓް ލިމިޓެޑެވެ. މަލްޓިޕާރޕަސް ހޯލްގެ މަސައްކަތް 2017 ވަނައަހަރުގެ މެދެއްހާހިސާބުގައި ނިންމާ ބޭނުން ކުރެވޭ ވަރުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރައްވައެވެ.

img:http://s1.psmnews.mv/images/660x400/14718711458047.jpg|ހަނިމާދޫ ސްކޫލްގެ ދަރިވަރުންތަކެއް

ހދ.ހަނިމާދޫ ސްކޫލަށް ޖާގައިގެ ދަތިކަން ދިމާވުމުގެ ސަބަބުން ސަރުކާރުން މިހާރު ވަނީ އެރަށުގައި އާސްކޫލެއް ޢިމާރާތްކޮށްދެއްވާ އެސްކޫލްގައި ކިޔަވައިދެއްވަން ފައްޓަވާފައެވެ. އަލަށް ޢިމާރާތްކުރެއްވި މިސްކޫލްގައި 30 ކްލާސްރޫމް ހުރެއެވެ. މީގެ އިތުރުން، ހދ.ހަނިމާދޫ ސްކޫލަކީ އެ ސަރަޙައްދުގެ އެހެން ސްކޫލްތަކުގެ އެގްޒާމް ޕޭޕަރުތައް ރައްކާތެރިކޮށް ބަހައްޓާ ސްކޫލަށްވުމާއިއެކު، އެރަށު ސްކޫލްގެ ސެކިއުރިޓީ ރޫމްގެ ސަލާމަތީ ކަންތައްތައް އިތުރަށް ފުރިހަމަ ކުރުމަށްވެސް މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ސްކޫލްގެ ގޯތިތެރޭގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާތީ މިކަމަށް ޙައްލެއް ގެންނެވުމަށްވެސް ކަމާއިބެހޭ އިދާރާތަކާއިއެކު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ. 

ހދ. ހަނިމަދޫ ސްކޫލްގައި ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވުމަށް ހަނިމާދޫ ސްކޫލާއި، އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.