ބާސެލޯނާގެ ކޯޗު ހަންސީ ފްލިކަށް ދީފައިވާ އަދަބު އިސްތިއުނާފު ކުރުމުން ވެސް ނާކާމިޔާބު ވެއްޖެ އެވެ.
އޭނާ އަށް އަދަބު ދިނީ ޖިރޯނާ އަތުން ބާސެލޯނާ ފަހުވަގުތު 2-1އިން މޮޅުވި މެޗުގައި ކޯޗު ހަންސީ ފްލިކަށް ރަތްކާޑު ދައްކާފައިވާތީ އެވެ.
ދެ ވަނަ ރީނދޫ ކާޑާއެކު އޭނާ އަށް ރަތްކާޑު ދެއްކުމުން އެންމެ ބޮޑު ވާދަވެރިޔާ ރެއާލް މެޑްރިޑާ ދެކޮޅަށް ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހު ކުޅޭ މެޗުގައި ބެންޗުގައި ނީނދެވޭނެ އެވެ.
ބާސެލޯނާއިން މި މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް ސްޕެނިޝް ލީގުން ބުނީ އެކަމަށް އެކަށީގެންވާ ހެއްކެއް އެ ކުލަބަށް ދެއްކިފައިނުވާ ކަމަށެވެ. މިހެންވެ ކގަވާއިދުގައިވާ ގޮތުގައ މަތީން ކުރިއަށް އޮތް މެޗުގައި ފްލިކަށް ބެންޗުގައި ނީނދެވޭނެ ކަމަށެވެ. އޭނާގެ ބަދަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާގެ ކުޅުންތެރިންނަށް އިރުޝާދު ދިނުން އެންމެ ގާތީ އެސިސްޓެންޓް ކޯޗު ތިއާގޯ އަލްސަންޓާރާ އެވެ.
ޖިރޯނާ މެޗަށް ފަހު ވާހަކަ ދައްކަމުން ފްލިކް ބުނީ ފުރަތަމަ ދެއްކި ރީނދޫ ކާޑުގައި ސަބަބެއް އޮތް ނަމަވެސް ރަތްކާޑު ދެއްކި ސަބަބެއް ނޭނގޭ ކަމަށެވެ.
"އަހަރެން ޑިޔޮންގަށް ދެއްކި ރީނދޫ ކާޑާއެކު އަތްޖެހީ. އެކަމާ ހެދި ރީނދޫ ކާޑު ދެއްކީ. ރަތް ކާޑު ދެއްކި ސަބަބެއް އަހަރެންނަށް ނޭނގޭ. އަހަރެން ހިތްވަރު ދެމުންދިޔައީ އަހަރެންގެ ޓީމަށް. ރެފްރީނ ދަނޑުމަތީގައި ގޮތް ނިންމަނީ. ވީއޭއާރު ބަލަން އެދުމަކީ އަހަރުމެންނަށް އޮތް ހައްގެއް. އޭނާ އަހަރެންނާ ވާހަކަ ދައްކަން ވެސް ބޭނުމެއްނުވި. ފުރަތަމަ ވެސް ދެއްކި ރަތްކާޑު،" ފްލިކް ބުންޏެވެ.
ނަމަވެސް ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި ފްލިކް ވަނީ ދެ ވަނަ ހާފުގައި ޑިފެންޑަރު ޕައު ކުބަރްސީ ޖެހި ގޯލު ރެފްރީ ބަލައި ނުގަތުމުން އެކަމަށް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އޭގެ ފަހުން ބާސެލޯނާ އަށް ޕެނަލްޓީ އެއް ލިބެން ޖެހޭ ކަމަށް ބުނެ ވެސް އަޑު އުފުލައިފަ އެވެ.