ޚަބަރު

އަމިއްލަވަންތަކަމާއި، މިނިވަންކަން ދެމެހެއްޓުމަށް ބާރެއް ލިބިއްޖެ


ބޭރުގެ ޤައުމުތަކުގައި، ޚާއްޞަކޮށް، ހުޅަނގުގެ ޤައުމުތަކުގައި ރާއްޖޭގެ ނަން ކިލަނބުކޮށްލަން ބައެއް ދިވެހިން ކުރާ މަސަކަތްތަކާ އެކުވެސް، ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ދަރަޖަ އުފުލިގެންދާގޮތަށް މަސަކަތްކޮށް، އަދުގެ ސަރުކާރުން ދިވެހި ޤައުމުގެ އިޤްތިޞާދީ، ޢުމްރާނީ، އަދި އިޖްތިމާޢީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ފުރިހަމަ ކުރައްވަމުން ގެންދަވާކަމަށް އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ރާއްޖޭގެ އަމިއްލަވަންތަކަމާއި، މިނިވަންކަން ބޭރުދުނިޔޭގެ ކުރިމަތީގައި ދެމެހެއްޓުމަށް އަބުރު ރައްކާތެރިކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ސަބަބުން އިތުރު އެހީތެރިކަން ލިބިގެންދާނެކަމަށެވެ. އަދި އަދުގެ ސަރުކާރުން ރައީސް ޢަބްދުﷲ ޔާމީން އެންމެ އިސްކަމެއްދެއްވައިގެން މަސައްކަތް ކުރައްވަނީ، ދިވެހިރާއްޖެއަކީ، އަމިއްލަވަންތަ، މިނިވަން ޤައުމެއްގެ ގޮތުގައި އޮތްއޮތުން އެގޮތުގައި ދެމެހެއްޓެވުމަށް ކަމަށާއި، ވާދަވެރި ދުނިޔެއެއްގައި ދިވެހި ރައްޔިތުންނަކީ ފުދުންތެރި ބައެއްގެ ގޮތުގައި ދިރިއުޅުން ހޭދަކުރާ ބަޔަކަށް ހެއްދެވުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/8400.jpg|އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު - ފައިލް ފޮޓޯ: ރައީސް އޮފީސް

މިކަންކަމާއެކު ދިވެހި ޤައުމިއްޔަތު ގެއްލިގެން ހިނގައިދާނެ ހުރިހާ ކަމެއް، އަބުރު ރައްކާތެރިކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުން ރައްކާތެރިކޮށްދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުން ހިންގަވާ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގަވަނީ ގޮންޖެހުންތަކާއެކުކަން ފާހަގަކުރައްވަމުން، އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ބޭރުގެ ޤައުމުތަކުގެ ކުރިމަތީގައި ރާއްޖޭގެ އަގުވައްޓާލަން މަސައްކަތްކުރާތާ މިހާރު އަހަރުތަކެއް ވެފައިވާ ކަމަށާއި، ރާއްޖެއާ ގުޅޭގޮތުން ބައެއް ދިވެހިން ޙަޤީޤަތް އޮލުވާލައިގެން ހުޅަނގުގެ ޤައުމުތަކަށް މަޢުލޫމާތު ފަތުރަމުންދިޔަނަމަވެސް ރައީސް ޔާމީންގެ މަސަކަތްޕުޅުން، މިހާރުވެސް ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަށް މަޑުނުޖެހި ކުރިއަށްގޮސް، ޤައުމުގެ ކަންކަން ކުރިއަރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/6245.jpg|ސްޕެޝަލް އިކޮނޮމިކް ޒޯން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ކުރުހުމެއް / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މިނިސްޓަރ ވިދާޅުވީ، ތަހުޒީބު ޤައުމުތަކުގެ ފަރުދުންނާ ޚިލާފަށް ރާއްޖޭގައި އެފަދަ ކަންކަން ކުރަނީ ވަކި މީހެއްގެ ސިޔާސީ މަޤުޞަދެއް ޙާޞިލްކުރުމައްޓަކައި، މުޅި ޤައުމުގެ ހަމަޖެހުން ނަގާލާ ފަދަ ގޮތަކަށްކަމަށެވެ.

ހުޅަނގުގެ ޤައުމުތަކުގެ ފަލްސަފާއަށް ބޮޑު ކުރިއެރުމެއް މީގެ އެތަކެއް އަހަރުތަކެއް ކުރީން ލިބިފައިވާ ކަމަށާއި، ނަމަވެސް އެ ޤައުމުތަކުގައިވެސް، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަތަކާއި، އަމިއްލަވަންތަކަމަށް ނުރައްކާވާފަދަ ކަންކަން ޙިމާޔަތްކުރުމަށް ހެދިފައިވާ ޤާނޫނުތަކަށް ބޯލަނބައި އެ ޤައުމުތަކުން އެފަދަ ޤާނޫނުތައް ރައްކާތެރިކޮށް، ޙިމާޔަތްކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތަހުޒީބީ މުޖުތަމަޢެއްގައި ވަކިވަކި ފަރުދުން މަޝްހޫރުކަން ހޯދަނީ އެހެން މީހުންގެ އަބުރުކަތިލާފަދަ ކަންކަން ކޮށްގެން ނޫންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.