އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ދެމެދު ބޭއްވުމަށް ތާވަލުކޮށްފައި އޮތް މުހިންމު މަޝްވަރާ ބައްދަލުވުމެއް، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ. އެ ބައްދަލުވުން ފަސް ކުރެއްވުމަށް ޓްރަމްޕް ނިންމަވާފައި ވަނީ، އޭނާ އެދިވަޑައިގެންނެވި ގޮތަށް ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވުމަށް ކްރެމްލިނުން އިންކާރު ކުރުމާ ގުޅިގެންނެވެ. މިއާ އެކު، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ގޮތުން ޓްރަމްޕް ފަށްޓަވާފައިވާ މަސައްކަތްތަކަށް މި ވަނީ ހިޔަނި އެޅިފައެވެ.
ޕުޓިންއާ އެކު ބޭއްވުމަށް ތާވަލުކޮށްފައި އޮތް ބައްދަލުވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްގިޔޭ ލެވްރޮފް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަކަށް ފަހުއެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ބުނީ، ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބާއްވާފައި ވަނީ ކާމިޔާބު މަޝްވަރާތަކެއް ކަމުގައެވެ. ނަމަވެސް، ޕުޓިންއާއި ޓްރަމްޕާ ދެ ބޭފުޅުންގެ ބައްދަލުވުން ފަސް ކުރުމަށް ނިންމާފައިވާ ކަމުގައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ޕުޓިންއާ ބައްދަލު ކުރައްވަން ތާވަލު ކޮށްފައިވާ ކަމުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ހުސްވި ހަފުތާގައެވެ. އެ ބައްދަލުވުން ބޭއްވުމަށް ތާވަލު ކޮށްފައި އޮތީ ހަންގެރީގައެވެ. ނަމަވެސް، ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވުމަށް ޕުޓިން ފަސްޖެހިވަޑައިގަންނަވާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ޕުޓިން ބޭނުންފުޅު ވަނީ ޔޫކްރެއިންގެ އިތުރު ބިންތަކަކަށް އަތްގަދަ ކުރެއްވުމަށެވެ.
ޕުޓިންއާ އެކު ބޭއްވެވުމަށް ތާވަލުކޮށްފައި އޮތް ބައްދަލުވުން ފަސް ކުރެއްވުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ "ވަގުތުތަކެއް ބޭކާރުވާނެ ބައްދަލުވުމެއް" ބޭއްވުމަށް ބޭނުންފުޅު ނުވާ ކަމުގައެވެ. ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިތުރު ބަދަލުތަކެއް އައުމުގެ ފުރުޞަތު އޮތް ކަމުގައި ވެސް އޭނާ ވިދާޅުވިއެެވެ. ޓްރަމްޕާ އެކު ބައްދަލުވުމެއް ބޭއްވުމަށް ކްރެމްލިނުން ތައްޔާރީތައް ކުރަމުންދާ ކަމުގައި ޕުޓިންގެ އަރިސް ބޭފުޅަކު ވެސް ވަނީ ވިދާޅުވެފައެވެ.
ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކްރެމްލިނުން ވަނީ ވައިޓް ހައުސަށް ޝަރުޠުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި، ޔޫކްރެއިންގެ އިރުމަތީގައި އޮތް ދޮންބާސް ސަރަޙައްދު ރަޝިޔާއަށް ދޫކޮށްލުމަށް ޔޫކްރެއިން އެއްބަސްކުރުވުން ހިމެނެއެވެ. އެ ސަރަޙައްދުގެ %80އަށްވުރެ ބޮޑު ސަރަޙައްދެއް މިހާރު ވެސް އޮތީ ރަޝިޔާގެ ކޮންޓުރޯލުގެ ދަށުގައެވެ. ޕުޓިން އެދިވަޑައިގަންނަވާފައިވާ ގޮތަށް ދޮންބާސްގެ ބައެއް ބިންތަށް ރަޝިޔާއަށް ދޫކޮށްލުމަށް ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް ވެސް ގޮވައިލައްވާފައެވެ.
ރަޝިޔާއިން ހުށަހަޅާފައިވާ ޝަރުޠުތަކަށް އިންކާރު ކުރުމަށް ޓްރަމްޕަށް ބާރު އެޅުމަށް ވިލާތުގެ ބާރުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކަންކަމާ ގުޅޭ ގޮތުން ޓްރަމްޕާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމުގެ ގޮތުން ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ ސެކްރެޓަރީ ޖެނެރަލް މާކް ރުތޭ އޮކްޓޫބަރު 21ވަނަ ދުވަހު ވަނީ ވޮޝިންގްޓަނަށް ވަޑައިގަންނަވާފައެވެ. ނޭޓޯ އަދި ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ގިނަ ބާރުތަކުން އޮތީ ޔޫކްރެއިންގެ ފަޅީގައެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ބިންތަކުގެ ތެރޭގައި ދޮންބާސްގައި ހިމެނޭ ދޮންޏެސްކާއި ލުހާންސްކްގެ ބޮޑު ސަރަޙައްދުތަކެއް ހިމެނެއެވެ. މީގެ އިތުރުން، ޔޫކްރެއިންގެ ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް އޮތީ ރަަޝިޔާގެ ކޮންޓުރޯލުގެ ދަށުގައެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.