ޚަބަރު

އެކަނި މަހަށް ނިކުތް މީހަކަށް އެމްއެންޑީއެފްގެ އެހީތެރިކަން


އައްޑޫސިޓީ މީދޫއިން ކުޑަ ޑިންގީއެއްގައި އެކަނި މަހަށް ނިކުތް މީހަކު ހާލުގައި ޖެހުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު އަށެއްޖަހާ އެހާކަންހާއިރު އެކަނި މަަސްވެރިކަމަށް ނުކިމެ އުޅެނިކޮށް، މޫސް ގޯސްވެގެން އަނބުރާ ރަށަށް ނާދެވިގެން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެމީހާ އެދިފައިވަނީ ހެނދުނު އެގާރަ ޖަހަނިކޮށްކަމަށެވެ. 

އަދި އެމަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ހާބަރ ކްރާފްޓް ލޯންޗެއް ޑައިވަރުންނާއެކު ވަނީ އެ ސަރަހައްދަށް ފުރުވާލިކަމަށާއި، އޭނާގެ ޑިންގީ އޮތް ސަރަޙައްދަށް އެމްއެންޑީއެފް ލޯންޗް ދިޔައިރު އެޑިންގީ އޮތީ ރުއްހުރާގެ ފަރުކޮޅުގެ ބޭރުގައި ނަގިލި ޖައްސައިގެންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ބެލުމުގެ ދަށުން މިއަދު މެންދުރު އެކެއްޖަހަނިކޮށް އެމީހާ ސަލާމަތްތެރިކަމާއެކު ސ.މީދޫ އަށް ގެންގޮސްދީފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އައްޑޫ ސިޓީ މީދޫ، ޢުމުރުން 61 އަހަރުގެ ދިިވެހި ފިރިހެނަކަށެވެ.