ޚަބަރު

އައި.އެސް.ޑީ.ބީ.ޓީ ޕްރޮޖެކްޓާ ގުޅޭގޮތުން މަޝްވަރާކޮށްފި


ޖަޕާނުގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޓަރގްރޭޓެޑް ސަރވިސަސް ޑިޖިޓަލް ބްރޯޑްކާސްޓިން ޓެރެސްޓްރިއަލް (އައިއެސްޑީބީ-ޓީ) ޕްރޮޖެކްޓްގެ މަސައްކަތް ހިނގަމުންދާގޮތާ ގުޅޭގޮތުން ހޯމް މިނިސްޓަރ އަޒްލީން އަހުމަދު، ޖައިކާގެ ބޭފުޅުންނާއެކު މަޝްވަރާކުރައްވައިފިއެވެ. 

އައިއެސްޑީބީ-ޓީ ޕްރޮޖެކްޓާ ގުޅޭގޮތުން މަޝްވަރާކުރެއްވީ ހޯމް މިނިސްޓަރ، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) ގެ ބޭފުޅުންނާއެކު ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުމުގައި މިމަސައްކަތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މިނިސްޓަރ އޮޅުންފިލުއްވެވިއެވެ. 

އައިއެސްޑީބީ-ޓީ ޕްރޮޖެކްޓަކީ 2014 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރާއެކު ސޮއިކުރެވުނު ޖޮއިންޓް ސްޓޭޓްމަންޓު އެއްބަސްވުމުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. 

މިޕްރޮޖެކްޓަކީ ރާއްޖޭގައި ޑިޖިޓަލް ޓެރެސްޓްރިއަލް ބްރޯޑްކާސްޓިން މިހާރަށްވުރެ ފުޅާކޮށް، ޒަމާނީ ގޮތްތަކަށް އެންމެހާ ރައްޔިތުންނަށް ޚިދުމަތްދިނުމަށްޓަކައި، ޑިޖިޓަލް ބްރޯޑްކާސްޓިން ޓެކްނޮލޮޖީއެއްގެ އެހީގައި ޤާއިމް ކުރެވޭ ނެޓްވޯކެކެވެ. މިނެޓްވާކް މެދުވެރިކޮށް ބްރޯޑްކާސްޓްކުރުމުގެ ފުރުޞަތު ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ލިބިގެންދާނެއެވެ.