ޚަބަރު

ސިނގިރޭޓު މައްސަލައިގައި ހައްޔަރުކުރި ޙަސަން ޢަބްދުއްރަޙްމާން ޝަރީޢަތް ނިމެންދެން ބަންދަށް


  • ޙަސަން ޢަބްދުއްރަޙްމާން ހައްޔަރުކުރީ ރޭގެ ވަގުތެއްގައި

  • ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ވަނީ ހޯދާފައި

ކަސްޓަމުން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައިހުރި 2 ކޮންޓެއިނާގެ ސިނގިރޭޓް ހުޅުމާލޭ ޕޯޓުން ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށް، އޭނާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގައި އިތުރު މީހަކު ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ. އެއީ ކ.ތުލުސްދޫ، ލިންކް އުމުރުން 52 އަހަރުގެ ޙަސަން ޢަބްދުއްރަޙްމާނެވެ. ފުލުހުން ވިދާޅުވީ ޙަސަން ޢަބްދުއްރަޙްމާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށް، މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޓަރމިނަލުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން މިކަމުގައި ޝާމިލުވާ 4 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައިވަނީ ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް އަދާކުރި މުޢާޒް ޢަލީ އިތުރުން ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދާއި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލްއެވެ.

މި މައްސަލައިގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ކަސްޓަމާއި، އެމްޕީއެލްގެ ބައެއް މުވައްޒިފުން ވަނީ ސަސްޕެންޑްކޮށްފައެވެ. މިމައްސަލައިގެ ތަހުޤީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ބަލައި ފާސްކޮށްފައިވެއެވެ.