ވިޔަފާރި

ފުޑް އެންޑް ހޮސްޕިޓާލިޓީ އެކްސްޕޯ ފަށައިފި


120 ސްޓޯލާއިއެކު މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓާލިޓީ އެކްސްޕޯ ފަށައިފިއެވެ.

މި އެކްސްޕޯގެ ތެރޭގައި 500 އަށްވުރެ ގިނަ ކައްކާއިން ބައިވެރިވާ ކަލިނަރީ ޗެލެންޖެއްވެސް ދަރުބާރުގޭގައި ކުރިއަށްދާނެއެވެ.

"ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް – އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް" އަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އެކިބާވަތްތަކުގެ ތަކެތި މާކެޓްކުރާ ފަރާތްތަކަށާއި އެދާއިރާގައި މަސައްކަތްކުރާ ކާބޯތަކެ އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މި އަހަރުގެ އެކްސްޕޯ އިންތިޒާމްކުރާ އެފްއެޗްއޭއެމުން މިކަން ކުރިއަށްގެންދާ މިއީ 3 ވަނަ އަހަރެވެ.

އެކްސްޕޯ ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، މިފަދަ ފެއާރތަކުން ދުނިޔޭގެ ވިޔަފާރިތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި ގުޅުވައިދޭކަމަށެވެ. ނަމަވެސް މިފަދަ ފެއަރތަށް ކުރިއަށް ގެންދިއުމުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާވަރުގެ ކޮންވެންޝަން ހޯލްތަށް ނެތުން ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

އެކްސްޕޯގެ ތެރޭގައި ހިންގާ އެންމެ މައި އެއް ޙަރަކާތަކީ، ކަލިނަރީ ޗެލެންޖެވެ. މި ޗެލެންޖް ކުރިއަށްގެންދަނީ، ޗެފް ގިލްޑް އޮފް މޯލްޑިވްސްއާއި ޗެފް ގިލްޑް އޮފް ސްރީލަންކާ ގުޅިގެންނެވެ.

500 ބައިވެރިންނާއިއެކު ފަށާފައިވާ މި ޗެލެންޖަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކަލިނަރީ ޗެލެންޖެވެ. މި ޗެލެންޖުގެ ބައިވެރިންނަށް  ބައިނަލްއަގުވާމީ ފެންވަރުގެ ސެޓްފިކެޓެއް ލިބިގެންދާނެކަމަށް ޗެފް ގިލްޑް އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ. އެކްސްޕޯ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 3 ދުވަހުގެ ނިޔަލަށެވެ.