ޚަބަރު

ޗައިނީޒް އެމްބަސީން އޯޓިޒަމް އެސޯސިއޭޝަނަށް އެހީވެއްޖެ


ރާއްޖޭގައި ހުންނަ ޗައިނީޒް އެމްބަސީން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ހަދިޔާ ކުރި 8،100 އެމެރިކާ ޑޮލަރުގެ އެހީ އޯޓިޒަމް އެސޯސިއޭޝަނާއި ޙަވާލުކޮށްފައިވަނީ މިއަދު މިކަމަށްޓަަކައި އެއެސޯސިއޭޝަންގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. ޗައިނީޒް އެމްބަސީގެ ފަރާތުން މި ފައިސާގެ އެހީ އޯޓިޒަމް އެސޯސިއޭޝަނާއި ޙަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފުކާންގެވެ. އަދި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ފައިސާގެ އެހީއާއި ޙަވާލުވެލެއްވީ އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިފްޙާމް ޙުޞައިނެވެ.

ރާއްޖޭގައި ހުންނަ ޗައިނީޒް އެމްބަސީއިން، ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ހިންގުން ހަރުދަނާކޮށް، މާލޭ އޯޓިޒަމް ސެންޓަރުން ދެމުންގެންދާ ޚިދުމަތްތައް ތަރައްޤީ ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުންކަމަށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުގެ ނައިބު ރައީސް ވިދާޅުވިއެވެ. ޗައިނީސް އެމްބަސީން ވެދިން 8،100 ޑޮަލަރު (124902 ރުފިޔާ)އާއި ޙަވާލުވެ، ޗައިނީޒް އެމްބަސީއާއި އޯޓިޒަމް އެސޯސިއޭޝަނުގެ މެދުގައި މިއަދު ވަނީ ފައިސާގެ މުޢާމަލާތުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ޗައިނީޒް އެމްބަސީގެ ފަރާތުން ސޮއިކުރެއްވީ ، އެމްބެސެޑަރ ވަންގް ފުކަންގް އަދި އޯޓިޒަމް އެސޯސިއޭޝަނުގެ ފަރާތުން ނައިބު ރައީސް އިފްޙާމް ޙުޞައިނެވެ.



އިފްޙާމް ހުޞައިން ވިދާޅުވީ، ޗައިނީޒް އެމްބަސީން ވެދިން ފައިސާގެ އެހީ ޚަރަދު ކުރާނީ އެއެސޯސިއޭޝަނުގެ އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމަށާއި، އެއެސޯސިއޭޝަނުން ހިންގާ މާލެ އޯޓިޒަމް ސެންޓަރުން އެކި ޚިދްމަތް ހޯދަމުން އަންނަ ކުދިންގެ ތެރެއިން މާލީ ޙާލަތު ދަށް ކުދިންގެ ފީގެ ކަންކަން ހަމަޖެއްސުމަށް ކަމަށެވެ.

" އަޞްލު ޙަޤީގަތުގައި، މިތަން ( މާލެ އޯޓިޒަމް ސެންޓަރ)  މިހިންގަނީ އެމްބަސީ ތަކާއި ،ކުންފުނިތަކުގެ ދީލަތި އެހީއާއެކު. އެހެންނަމަވެސް ،މިތަނަށް ޓީޗަރުން ހޯދަން ވަރަށްދަތި.ޗައިނާ އެމްބަސީގެ މި އެޙީތެރިކަމާއެކު މިކަމަށް ޙައްލެއް ހޯދަން އަޅުގަނޑު މަސައްކަތް ކުރާނަން. ހަމަ އެއާއެކު ، މިތަނުގަ އެބަތިބި މާލީ ތަނަވަސްކަމެއް ނެތުމުގެ ސަބަބުން ،އެތައް މަހެއް ވަންދެން ފީ ނުދެއްކި ތިބި ކުދިން. މިކުދިންގެ ފީ ސްޕޮންސަރ ކުރަން ވެސް އެބަ ވިސްނަން.  އޯޓިޒަމް އެސޯސިއޭޝަން ވުޖޫދަށް އައިއްސުރެ ޗައިނީސް އެމްބަސީން އަންނަނީ އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން. މީގެ ކުރިން ދެމުން އައީ ގެޖެޓް. އެހެންނަމަވެސް މިދިޔަ އަހަރުން ފެށިގެން މާލެ އޯޓިޒަމް ސެންޓަރަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކޮށް އެމްބަސީއަށް ޝކުރު ދަންނަވަން. މިއީ އަޞްލު ލިބޭ ވަރަށް ބޮޑު ހިތްވަރެއް ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދަން." އިފްޙާމް ޙުޞައިން ވިދާޅުވިއެވެ.



ފައިސާގެ އެހީގެ މުޢާމަލާތްތަކާބެހޭ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، ޗައިނާގެ ސަފީރު ވަންގް ފުކާން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚިދްމަތްދޭ ރާއްޖޭގެ މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުން ބަދަހިވުމަށް ހުޅުވާލެވިފައިވާ ދޮރެއް ކަމަށެވެ. އެހެން ކަމުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި ކުދިންނަށް، ޚިދްމަތްދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްބަސީން ޚާއްޞަ އިސްކަމެއް ދެއްވާނޭ ކަމަށް ޗައިނާގެ ސަފީރު ވަންގް ފުކާން ވިދާޅުވިއެވެ.



އޯޓިޒަމް އެސޯސިއޭޝަނަކީ އޯޓިޒަމަށް ހޭލުންތެރި ކުރުވުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރާ މަދަނީ ޖަމްއިއްޔާއެކެވެ. އަދި މާލޭ އޯޓިޒަމް ސެންޓަރަކީ، އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ ތަޢުލީމާއި އެކި ތެރަޕީތައް ފޯރުކޮށްދޭ، އަދި އެކުދިންގެ ހުނަރުތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމަށް، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ރަޖިސްޓްރީ ކޮށްގެން ހިންގާ ސެންޓަރެކެވެ. 90 އަށް ވުރެ ގިނަ ކުދިންނަށް މި ޚިދުމަތް ދެމުންދާއިރު، މިހުރިހާ ޚިދުމަތްތަކެއްވެސް ފޯރުކޮށްދެމުން ދަނީ އަގެއް ނަގައިގެންނެވެ.