ޚަބަރު

ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް ޞިއްޙީ މަޢުލޫމާތު ދީފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް ޞިއްޙީ މަޢުލޫމާތުދީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް އެޗްޕީއޭއިން ކުރިޔަށް ގެންދަވައިފިއެވެ.

ޤައިދީން ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް ޢަމާޒުކުރައްވާ، މިމަހުގެ 17 އިން 19 އަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހިންގެވި މި ޕްރޮގްރާމްގައި 20 އޮފިސަރުން ބައިވެރިވިއެވެ.

އެޗް.ޕީ.އޭއިން މަޢުލޫމާތުދެއްވާ ގޮތުގައި، ގައިން ގަޔަށްއަރާ ބަލިތަކާއި، ގައިން ގަޔަށްނާރާ ބަލިތަކުގެ ނުރައްކާތެރިކަމާއި، އެބަލިތައްޖެހޭ ގޮތާއި، ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނޭ ކަންކަމާއި ބެހޭގޮތުން މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައިވެއެވެ. އެގޮތުން އެޗް.އައިވީ - އެއިޑްސްއާއި، ޖިންސީ ގުޅުންތަކުން އަރާ ބަލިތަކާއި، ޓީބީއާއިބެހޭ މަޢުލޫމާތު ބައިވެރިންނަށް ދެއްވާފައިވެއެވެ. މީގެ އިތުރުންވެސް ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ، ކާނާ ބޭނުންކުރުމުގެ މުހިންމުކަމާއި، ދަރިމައިވުމުގެ ޞިއްހަތާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލުވުމަށް ކުރެވިދާނޭ ކަންތައްތަކާއި ބެހޭ މުހިންމު މަޢުލޫމާތު ދެއްވާފައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް ހިންގެވި މި ތަމްރީނަކީ އެތަނުގެ އެދިވަޑައިގަތުމުގެ މަތިން ހިންގެވި ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ އެޗް.ޕީ.އޭގެ ފަންނީ ބޭފުޅުން ކަމަށް އެޗް.ޕީ.އޭ އިން ވިދާޅުވެއެވެ.