ޚަބަރު

"އިންވެސްޓްމެންޓްތައް ގެނެވޭނީ ޤައުމު ހަލަބޮލިކުރުމުގެ ސަގާފަތް ދޫކޮށްލައި، ޒިންމާދާރުވެގެން"


  • ޤައުމު އާރާސްތުކޮށް އިންވެސްޓަރުންނަށް ފަހި މާޙައުލެއް ހޯދުމުގެ މަސައްކަތަށް އެއްބާރުލުންދޭންޖެހޭ

އިންވެސްޓަރުން ރާއްޖެ ގެނެވޭނީ ޒިންމާދާރު އިދިކޮޅު ޕާޓީތަކެއް އޮވެގެންކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލަށް ބަހުސްކުރައްވަމުންނެވެ.

ބިލަށް ބަހުސްކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނު އެކުލަވާލީ ޕީޕީއެމްގެ ސަރުކާރުގައި 2014 ވަނަ އަހަރު ކަމަށެވެ. އޭރު ވެރިކަމުގައި ތިއްބެވި އިސްބޭފުޅުން ރާއްޖެއަށް އިންވެސްޓްމެންޓްތައް ގެނައުމަށް ގިނަ މަސައްކަތްތަކެއްކޮށް، އިންވެސްޓަރުންނަށް ފަހިވާ ގޮތަށް ޤާނޫނުތައް ބައްޓަންކުރިކަމަށް ޝުޖާޢު ވިދާޅުވިއެވެ.

އެ ދުވަސްވަރު ސަޢުދީ ޢަރަބިއްޔާގެ ބޮޑު ކުންފުންޏަކުން ފ. އަތޮޅުގައި ބޮޑު ޕްރޮޖެކްޓެއް ހިންގަން ޝައުޤުވެރިކަން ފާޅުކުރި ކަމަށާއި އެކަން ޙަޤީޤަތަކަށްވުމަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ޒިންމާދާރުކަން ކުޑަ މަސައްކަތްތަކެއްކުރިކަމަށް ޝުޖާޢު ވިދާޅުވިއެވެ. ނަތީޖާއަކަށްވީ ޓެކްސް އާމްދަނީ އެތައް ގުނައަކަށް އުފުލިގެންދާނެ އެ ޕްރޮޖެކްޓް ސަރުކާރަށް ގެއްލުންކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"އެމްޑީޕީން މުޒާހަރާކޮށް ފ. ހިމާޔަތްކުރުމުގެ ނަމުގައި ހިންގި މުޒާހަރާއާ ގުޅިގެން ހިންގި ޢަމަލުތަކުގެ ސަބަބުން އެ މަޝްރޫޢުވެސް ގެއްލިގެން ދިޔައީ. އެ މަޝްރޫޢު ޙަޤީޤަތަކަށް ހެދުނު ނަމަ ޓެކުހުގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބުނީސް." ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ އޭރު ހިންގަން އުޅުނު އިހަވަންދިއްޕޮޅު މަޝްރޫޢު ވެސް ކާމިޔާބުނުވީ މުޒާހަރާކޮށް ހަމަނުޖެހުން ހިންގައިގެން އިންވެސްޓަރުންނަށް ރާއްޖޭގައި ފަހި މާޙައުލެއް ނެތްކަމަށް އިދިކޮޅު އެމްޑީޕީން ދެއްކުމުން ކަމަށެވެ. އަނެއްކާވެސް ޤައުމު އާރާސްތުކޮށް އިންވެސްޓަރުންނަށް ފަހި މާޙައުލެއް ހޯދުމަށް މިއަދުގެ ސަރުކާރުން މަސައްކަތްކުރާއިރު، މިކަމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުންދިނުމަށް ޝުޖާޢު ގޮވާލެއްވިއެވެ.

ޝުޖާޢު ވިދާޅުވީ މި ބިލުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް ބާރު ލިބޭ ގޮތަށް ދެމެހެއްޓެނިވި ޓައުން ޝިޕްތަކެއް ތަރައްޤީކުރެވޭނެ ކަމަށެވެ. އަދި މިއީ މުސްތަޤުބަލަށް މުހިންމު، އިންވެސްޓަރުންގެ އިތުރު ސަމާލުކަމެއް ލިބޭނެ ކަމެއްކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި އެއާއެކު ދިވެހި އިޤުތިޞާދުގައި ބޭރު ފައިސާ އިތުރުވެ، ދިވެހި ސިނާޢީ ދާއިރާއަށް އައު އުފެއްދުންތައް ތަޢާރަފުވެ، ތަފާތު ބާވަތްތަކުގެ މަސައްކަތްތައް އުފެދުމަށް މަގުފަހިވާނެކަމަށްވެސް ވިދާޅުވިއެވެ.

"އިޤުތިޞާދީ ގޮތުން ފަތުރުވެރިކަމަށް އެކަނި ބަރޯއްސާވުން ކުޑަކޮށް އައު އާމްދަނީގެ މަގުތައް ހުޅުވި، ޞިއްޙީ އަދި ތަޢުލީމީ ޚިދުމަތްތައް ހަރުދަނާވާނެ. ބޭރުގެ އިންވެސްޓްމެންޓްތައް އިތުރުވެ މާލީ ނިޒާމު ހަރުދަނާވެގެންދާނެ. ޢުމްރާނީ ގޮތުން ބަލާއިރު، ރޭވުންތެރިކަމާއެކު ތަރައްޤީކުރެވޭ ޓައުންޝިޕްތަކުގެ ސަބަބުން ޒަމާނީ އުފެއްދުންތެރި ތިމާވެށްޓާ ރައްޓެހި ދިރިއުޅުމުގެ މާޙައުލުތައް އުފެދިގެންދާނެ." ޝުޖާޢު ވިދާޅުވިއެވެ.

2014 ވަނަ އަހަރު ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނު އުފެދުނު ފަހުން، އެ ޤާނޫނަށް އިސްލާހެއް ހުށައަޅާފައި މިވަނީ ފުރަތަމަ ފަހަރަށެވެ. މި ޤާނޫނަށް ހުށައަޅާފައިވާ މުހިންމު އިސްލާހުތަކުގެ ތެރޭގައި ޚާއްސަ ޝަރުތުތަކަކާއެކު ސަސްޓެއިނަބަލް ޓައުންޝިޕްތަކެއް ތަރައްޤީކުރަން މަގުފަހިވާނެއެވެ. އެގޮތުން މި ތަނުގައި ކުރާ އިންވެސްޓްމަންޓު 500 މިލިޔަން ޑޮލަރަށްވުރެ ކުޑަ ނުވުމާއި ޒޯންގައި ބައިނަލްއަޤުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ ތަނެއް ޤާއުމުކުރަން މަޖުބޫރުކުރުވުން ފަދަ ސީދާ ރައްޔިތުންނަށް ފައިދާކުރާ އެތައް ކަމެއް އައު އިސްލާހުގެ ސަބަބުން ފަހިވެގެންދާނެއެވެ.