ކުޅިވަރު

ކެރެގާ ލިވަޕޫލްގެ ކޯޗަށް: މި ވަގުތު ވާންވީ ރެއާލްގެ ކޯޗަކަށް


ލިވަޕޫލްއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެ ޓީމުގެ ކޯޗު އާނޭ ސްލޮޓް މިހާރު ވާން ޖެހެނީ ރެއާލް މެޑްރިޑުގެ ކޯޗަކަށް ކަމަށް އެ ޓީމުގެ ލެޖެންޑް ޖޭމީ ކެރެގާ ބުނެފިއެވެ.

ވިދިވިދިގެން ހަތަރު މެޗުން ލިވަޕޫލް ބަލިވުމުން އެކަމަށް ފާޑުކިއުން އަމާޒުވެފައިވާ ވަގުތެއްގައި ވާހަކަ ދައްކަމުން ކެރެގާ ބުނީ އެމީހަކު ކެހި ކަނޑުލެއްގެ ހިތި ފިލުވަން ޖެހޭނީ ވެސް އެ މީހަކު ކަމަށެވެ.

"މިދިޔަ ޓްރާންސްފާ މާކެޓުގައި ލިވަޕޫލް ހީވީ ރެއާލް މެޑްރިޑްހެން. ކުޅުންތެރިން ގެނައީ ގޮތެއް ފޮތެއް ބަލާނުލައި. މީގެ ސަބަބުން ހުރިހާ ކުޅުންތެރިން އުފަލުގައި ބައިތިއްބަން ދަތިވެގެން އުޅޭތަން ފެންނަނީ. އޭނާ މިކަން ކުރީ. އެހެންވީމާ މިކަން ހައްލު ކުރަން ޖެހޭނީ ވެސް އޭނާ އަށް. މިވަގުތު އެކަން ވާނީ ރެއާލް މެޑްރިޑްގެ ކޯޗަކަށް ވެގެން. ރެއާލްގައި އެކަން ކުރަން ވަރަށް މޮޅު މީހަކަށްވީ ކާލޯ އަންޗެލޮޓީ،" ކެރެގާ ބުންޏެވެ.

އޭނާ އިޝާރާތް ކުރީ ލިވަޕޫލްއިން 400 މިލިއަނަށްވުރެ ގިނަ ޕައުންޑް ހަރަދުކޮށް ގިނަ ކުޅުންތެރިންތަކެއް ގެނައުމަށެވެ. ކެރެގާ ބުނީ ބައެއް މަގާމުތަކަށް ލިވަޕޫލްގައި ކުޅުންތެރިން ގިނަވެގެން އުޅޭ ކަމަށް ފެންނަ ކަމަށެވެ.

"100 މިލިއަން ދީފައި ވާޓްޒް ގެނައީ. 100 މިލިއަން ދީފައި އިސާކް ގެނައީ. 79 މިލިއަން ދީފައި އެކިޓީކޭ ގެނައީ. ދެން ވެސް ގެނައީ އަގުބޮޑު ކުޅުންތެރިން. މީގެ ތެރެއިން ގިނަ ކުޅުންތެރިން އެތިބީ ބެންޗުގައި. ބޮޑު އަގުގައި ގެންނަ ކުޅުންތެރިން ދަނޑުމަތިން ފެންނަން ޖެހޭނެ. އެހެންނޫނީ އެއީ ބޭކާރު ކަމެއް. އަހަރެން ބުނާނީ ކޯޗު އެބަޖެހެއާ އެކިޓީކޭ އާއި އިސާކް އެކުގައި ކުޅޭނެ ގޮތެއް ހޯދަން،" މުޅި ކެރިއަރު ލިވަޕޫލްގައި ހޭދަކުރި ކުޅުންތެރިޔާ ބުންޏެވެ.

ކެރެގާގެ އިތުރުން އިނގިރޭސި ކުރީގެ ބައެއް ކުޅުންތެރިން ވެސް ވަނީ ލިވަޕޫލްގެ މައްސަލަތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ކޯޗު ސްލޮޓް ވެސް ވަނީ މިވަގުތަކީ ލިވަޕޫލަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން އޭނާ އަށް ވަރަށް ޗެލެންޖިން ވަގުތެއްކަމަށް ބުނެފަ އެވެ.

ޕްރިމިއަރ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލ ވުމުން ލިވަޕޫލް ވަނީ 15 ޕޮއިންޓާއެކު ހަތަރު ވަނަ އަށް ވެއްޓިފަ އެވެ.