ތަޢުލީމު

ހަނިމާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް 2017ގައި ނިމޭނެ


ހދ. ހަނިމާދޫ ސްކޫލަކީ 400 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުންދާ ސްކޫލެކެވެ. މިސްކޫލްގައި ފަށާ ތަޢުލީމުން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދެއްވައެވެ.

ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ތެރޭގައި ހިމެނޭ ބީޓެކް ޕްރޮގްރާމާއި ދަސްވާރު ޕްރޮގްރާމް މި ސްކޫލްގައިވެސް ކުރިއަށްގެންދަވައެވެ.

ހަނިމާދޫ ސްކޫލް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގެ ތެރެއިން ދެން އެންމެ އަވަހަށް ފެށިގެންދާނީ އެސްކޫލްގެ މަލްޓިޕaރޕަސް ހޯލްގެ މަސައްކަތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއިމާރާތަކީ މިއަހަރުގެ ބަޖެޓްގައި ހިމެނުއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެއް ކަމަށްވެސް އެމިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

4.2 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އައިލެންޑް ލައިން ޕްރައިވެޓް ލިމިޓެޑެވެ. މަލްޓިޕާރޕަސް ހޯލްގެ މަސައްކަތް 2017 ވަނައަހަރުގެ މެދެއްހާހިސާބުގައި ނިންމާ ބޭނުން ކުރެވޭ ވަރުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރައްވައެވެ.

ހދ.ހަނިމާދޫ ސްކޫލަށް ޖާގައިގެ ދަތިކަން ދިމާވުމުގެ ސަބަބުން ސަރުކާރުން މިހާރު ވަނީ އެރަށުގައި އާސްކޫލެއް ޢިމާރާތްކޮށްދެއްވާ އެސްކޫލްގައި ކިޔަވައިދެއްވަން ފައްޓަވާފައެވެ. އަލަށް ޢިމާރާތްކުރެއްވި މިސްކޫލްގައި 30 ކްލާސްރޫމް ހުރެއެވެ.

މީގެ އިތުރުން، ހދ.ހަނިމާދޫ ސްކޫލަކީ އެ ސަރަޙައްދުގެ އެހެން ސްކޫލްތަކުގެ އެގްޒާމް ޕޭޕަރުތައް ރައްކާތެރިކޮށް ބަހައްޓާ ސްކޫލަށްވުމާއިއެކު، އެރަށު ސްކޫލްގެ ސެކިއުރިޓީ ރޫމްގެ ސަލާމަތީ ކަންތައްތައް އިތުރަށް ފުރިހަމަ ކުރުމަށްވެސް މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ސްކޫލްގެ ގޯތިތެރޭގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާތީ މިކަމަށް ޙައްލެއް ގެންނެވުމަށްވެސް ކަމާއިބެހޭ އިދާރާތަކާއިއެކު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.

ހދ.ހަނިމަދޫ ސްކޫލްގައި ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވުމަށް ހަނިމާދޫ ސްކޫލާއި، އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.