ޚަބަރު

ކްލަބް މޯލްޑިވްސް ކަޕް: އާރްއާރްސީ އާއި އެސްޓީއޯ ފައިނަލަށް


  • އާރްއާރްސީ 9-3 މޯލްޑިވިއަން

  • އެސްޓީއޯ 2-0 އެމްޕީއެލް

ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ފައިނަލަށް ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އާއި އެސްޓީއޯ ރެކްރިއޭޝަން ކުލަބު ދަތުރުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅުނުއިރު، ފައިނަލްގެ ޖާގައެއް އާރްއާރްސީން ހޯދީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މޯލްޑިވިއަން އަތުން 9-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އާރްއާރްސީންނެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ނާސިހެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން މޯލްޑިވިއަންއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ އަރިމަތިން ހުސެއިން މައިޝާން ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އާރްއާރްސީގެ އިބްރާހީމް އަސްވަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގައި އާރްއާރްސީން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޮހްސެން މޮންތަޒޭމީއެވެ. އަދި ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އާރްއާރްސީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އާދަމް ނާސިހެވެ.

މި މެޗުގައި އާރްއާރްސީގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ ހަތްވަނަ މިނެޓުގައި ޝަނާން ރަޝާދު ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ އަލީ ޝާމިސްއެވެ. އޭގެ މިނެޓެއް ފަހުން އަޙްމަދު އަފްލާޒް އާރްއާރްސީގެ ފަސްވަނަ ލަނޑު ޖަހައިދިންއިރު، ޝާމިސް ވަނީ ގާތްގާތުގައި ކާމިޔާބުކުރި އިތުރު ދެ ލަނޑާއެކު މި މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މެޗުގައި މޯލްޑިވިއަންއިން ކާމިޔާބުކުރި ދެވަނަ ލަނޑު ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ޖަހައިދިނީ މައިޝާންއެވެ. އަދި މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އަޙްމަދު އަޒްމީން ވަނީ މޯލްޑިވިއަންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އާދަމް ނާސިހު ވަނީ އަނެއްކާވެސް އާރްއާރްސީއަށް އިތުރު ލަނޑެއް ޖަހައިދީފައެވެ. އަދި މެޗު ނިމެން ހަ ސިކުންތައް ވެފައި ވަނިކޮށް އާދަމް ނާސިހު ވަނީ އާރްއާރްސީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މީގެ އިތުރުން މި މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ އެސްޓީއޯއިން ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި އެމްޕީއެލް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި އެސްޓީއޯއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރާހިލް ރަޝީދެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މުޙައްމަދު އިމްރާން ވަނީ އެސްޓީއޯގެ ލީޑު ފުޅާކޮށްދީފައެވެ.

މި ނަތީޖާތަކާއެކު އާރްއާރްސީ އާއި އެސްޓީއޯ ފައިނަލަށް ދަތުރުކުރިއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ.