ތަޢުލީމު

ސްކޫލްތަކުގައި ތަކެތި ރައްކާކުރާނެ ގުދަންތަކެއް ހައްދަވަނީ


ރާއްޖޭގެ ސްކޫލްތަކުގައި، ބޭނުންކުރާ ތަކެތި ރައްކާކުރާނެ ގުދަންތަކެއް އެ ސްކޫލްތަކުގައި ހެއްދެވުމަށް ތައްޔާރުވެވަޑައިގަންނަވަން ފަށްޓަވައިފިއެވެ.

2017 ވަނަ އަހަރުގެ ބަޖެޓްގައި، ޕީ.އެސް.އައި.ޕީގެ ތެރޭގައި ހިމަނުއްވައިގެން، ސްކޫލްތަކުގެ ހެލްތް ރޫމާއި ކައުންސިލިންގ ރޫމާއި ގުދަން ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި ހުންނަ ސްކޫލްތަކުގެ ފެންވަރު، ރަނގަޅުކޮށް ވަޞީލަތްތައް ހަމަ ސްކޫލްތަކެއްގެ ގޮތުގައި ހެއްދެވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ކުލާސްރޫމް އިތުރުކުރުމާއި ވަސީލަތްތައް ޤާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. ސްކޫލްތަކަކީ ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ އަދި އެކި ދުވަސްވަރު ބޭނުންކުރުމަށްފަހު ވަގުތީގޮތުން ރައްކާކުރަންޖެހޭ ތަކެތި ގިނަ ޢަދަދަކަށް ހުންނަ މާޙައުލެކެވެ. މިފަދަ އެއްޗެހި ސްކޫލްގެ އެކި ތަންތަނުގައި ބަހައްޓަންޖެހުމުން ތަނުގެ ޖާގަ ގެއްލުމާއި މާޙައުލު ރީތިކޮށް ބޭއްވުމަށް ދަތިތައް ދިމާވެއެވެ. އަދި ތަކެތި ގިނަދުވަހަށް ދެމިހުރުމަށް ހުރަސްއެޅެއެވެ. މިކަން ޙައްލުކުރެއްވުމަށްޓަކައި ރާއްޖޭގެ ސްކޫލްތަކުގައި ބޭނުންކުރާ ތަކެތި ރައްކާކުރާނެ ގުދަންތަކެއް ހެއްދެވުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ.

ސްކޫލްތަކުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ގުދަންތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް.ނިއުސްއާއި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވީ ސްކޫލްތަކުގެ ތަކެތި ރައްކާކުރުމަށްޓަކައި ގުދަނެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި މަސައްކަތް ޕްރޮޖެކްޓެއްގެ ސިފައިގައި 2017 އިންފެށިގެން ރިޢާޔަތްކޮށް މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

"މިހާރުވެސް ސްކޫލްތަކުގައި ކޮންމެވެސް ވަރަކަށް ގުދަން ހުންނާނެ. އަދި ގުދަން ނެތް ރަށްރަށުގައި އަޅުގަނޑުމެން ރާއްޖޭގެ ރަށްރަށުގެ ތަންތަން ހޯދައިގެން ގުދަނުގެ ގޮތުގައި ހިފައިގެން ގެންގުޅެނީ. އެހެންނަމަވެސް ސްކޫލްތެރޭގައިވެސް އެކަހަލަ ފެސިލިޓީއެއް ހުރުމަކީ މިހާރު ވަރަށް ބޮޑަށް ބޭނުންތެރިކަމެއް. އަދި ސްކޫލްގައި ބޭނުންކުރާ އެއްޗެހި ބާވެގެން ނީލަންކިއުމުގެ ކުރިން ބަހައްޓާނެ ތަންތަންވެސް ހުންނަން ޖެހޭނެ. އަދި ބައެއް ފަހަރު ބޭނުންކުރާ ގޮނޑި އެއްޗެހިވެސް ރައްކާކުރާނެ ތަންތަންވެސް ހުންނަން ޖެހޭނެ." އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާހީމް އިސްމާޢީލް ވިދާޅުވީ 2017 ވަނައަހަރު ޕީ.އެސް.އައި.ޕީގެ ތެރެއިން ހިމަނުއްވައިގެން ސްކޫލްތަކުގެ ހެލްތް ރޫމާއި ކައުންސިލިންގ ރޫމާއި ގުދަން ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މިފަދަ ވަޞީލަތްތައް ސްކޫލްތަކުގައި ޤާއިމްކުރައްވައި ފުރިހަމަ ކުރެއްވުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

"މިހާރުވެސް ސާމާނުތައް އަނެއްހެން ބަހައްޓާނެ ތަންތަން ނެތިގެން ތިބޭފުޅުން ވަޑައިގަންނަވާއިރު ފެނިވަޑައިގަންނަވާނެ ކުޑަކޮށް ކޮރިޑޯތަކާއި އެތަންތަނުގައި މިހެން ހުންނަ ބާ ޑެސްކްތަކާއި އެއްޗެހި ހުންނަތަން. އެހެންވީމަ ނީލަން ކިއުމުގެ ކުރީގައި ބާޑެސްކްތައް ކުޑަކޮށް މަރާމާތުކޮށްލައިގެން އެދުވަހެއް އަންނަދެން ބަހައްޓާލަންޖެހޭ ކޮންމެވެސް ތަނެއް ހުންނަން ޖެހޭނެދެއްތޯ." އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

ސްކޫލުތަކުގައި އެއްޗެހި ރައްކާ ކުރެވޭނެ ގުދަން ފަދަ ތަނެއް ހުރުމަކީ ސްކޫލްތަކުގެ މަލަމަތި ރީތިވެ ޒީނަތްތެރިކަން ފެނިގެންދާނެ ކަމެއްކަން ފާހަގަކުރައްވަމުން އިބްރާހީމް އިސްމާޢީލް ވިދާޅުވީ މިއަހަރުވެސް ބަޖެޓްގައި ހުރި މިންވަރަކުން މި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.