ދުނިޔެ

ޙަލަބުގައި ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމަށް އދ އިން ގޮވާލައިފި


ސޫރިޔާގެ ޙަލަބުގައި ހިނގަމުންދާ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމަށް އދ.އިން ސޫރިޔާއަށް ކަޑައަޅުއްވާފައި ހުންނަ މަންދޫބު އެދިވަޑައިގެންފިއެވެ.

އދ.އިން ސޫރިޔާއަށް ކަޑައަޅާފައި ހުންނަ މަންދޫބު، ސްޓެފާން ދެމިސްތޫރާ މިކަމަށް އެދިވަޑައިގެންފައިމިވަނީ ޙަލަބުގައި ބަދަލުކުރަމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަވެ، ގިނަ އަދަދެއްގެ ރައްޔިތުން މަރުވަމުންދާކަމުގެ ރިޕޯޓްތައް ލިބެމުންދާ ދަޑިވަޅެއްގައެވެ.

މިދިޔަ ހޮނިހިރުދުވަހު އެކަނިވެސް ސޫރިޔާގެ ޙަލަބްގެ ދެކުނުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ މެދުގައި ބަދަލުކުރި ހަމަލާތަކުގައި 33 މީހުން މަރުވެފައިވާކަމަށް އެކްޓިވިސްޓުންނާއި ހަވާލާދީ އޭއެފްޕީ ނިއުސް އެޖެންސީއިން ބުނެއެވެ. އަދި ޙަލަބްގެ އުތުރުގައި ބަދަލުކުރަމުންދާ ހަމަލާތަކުގައި ހޮނިހިރުދުވަހު 25 މީހުން މަރުވެފައިވާކަމަށް ސޫރިޔާގެ މަސްރަހު ދިރާސާކުރަމުންދާ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެއެވެ.

img:http://s1.psmnews.mv/images/660x400/14621097810109.jpg|ސޫރިޔާ ހަނގުރާމައިގެ ތެރެއިން / ފޮޓޯ: ޒިންހުއާ

އެކްޓިވިސްޓުން ބުނާގޮތުގައި ސޫރިޔާ ސަރުކާރުގެ ފައުޖުތަކުން ކުރުދީން ގިނަ ޙަލަބަށް ހޮނިހިރުދުވަހާއި ހަމައަށް ޖެހިޖެހިގެން 3 ދުވަސްމަތިން ހަމަލާދީފައިވެއެވެ.

ހޮނިހިރުދުވަހު ޙަލަބްގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ. މީގެ ތެރޭގައި ވޭތުވެދިޔަ ހަފްތާގައި ސޯޝަލްމީޑިއާގައި އާންމުވި 5 އަހަރުގެ އޮމްރާން ދަގްނީޝްގެ ބޭބެވެސް ހިމެނެއެވެ. އޭނާގެ ޢާއިލާ އުޅެމުންދިޔަ އެޕާޓްމަންޓައް ބޮމުގެ ހަމަލާއެއް އެރުމާއި ގުޅިގެން، އިމާރާތުގެ ދަށުވެފައިވަނިކޮށް ސަލާމަތްކުރެވުނު އޮމްރާންގެ ފޮޓޯ އަދި ވީޑިއޯ މީޑިއާ އަދި ސޯޝަލް މީޑިއާގައި ޢާންމުވުމާއި އެކު، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަނެއްކާވެސް ސޫރިޔާގައި ކުރިޔަށްދާ ހަނގުރާމައަށް ހުއްޓުމެއް ގެނައުމަށް އަޑުއުފުލަން ފަށާފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14625186903938.jpg|ސޫރިޔާ ހަނގުރާމައިގެ ތެރެއިން - ފައިލް ފޮޓޯ: ޒިންހުއާ

އޮމްރާންގެ ބޭބެ، 10 އަހަރުގެ ޢަލީ ދަގްނޭޝް މަރުވެފައިވަނީ އެމީހުންގެ ޢާއިލާ ދިރިއުޅެމުންދިޔަ އެޕާޓްމަންޓް ބިލްޑިންގްއަށް އަމާޒުވި ވައިގެ ހަމަލާގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ.

ސޫރިޔާގެ ޙަލަބްގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އެސަރަހައްދުގައި ބަދަލުކުރަމުންދާ ޙަމަލާތައް ވަގުތީގޮތުން މެދުކަޑާލުމަށް އދއިން ސޫރިޔާއަށް ކަޑައަޅާފައި ހުންނަ މަންދޫބު ސްޓެފާން ދެމިސްތޫރާ އެދިވަޑައިގެންފައި މިވަނީ މިސަރަހައްދުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބަދަލުކުރަމުންދާ ޙަމަލާތައް ވަރަށް ބޮޑަށް އިތުރުވެ، މިކަމުގެ ސަބަބުން ގިނަ މީހުންތަކެއް މަރުވަމުންދާކަމުގެ ރިޕޯޓްތައްލިބެމުންދާ ދަޑިވަޅެއްގައެވެ.

ޙަލަބްގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަމާއި، ބޭނުންވާ ބޭސްފަރުވާ ދިނުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި އެސަރަހައްދުގައި ބަދަލުކުރަމުންދާ ޙަމަލާތައް ކޮންމެ ހަފްތާއަކު 48 ގަޑިއިރަށް މެދުކަޑާލުމަށް ދެމިސްތޫރާ ދަނީ އެދިވަޑައިގަންނަވަމުންނެވެ. އޭނާ ވިދާޅުވީ ހަމަލާ ބަދަލުކުރުމަށް ވަގުތީ މެދުކެޑުމެއް ގެނައުމުން ގިނަ އަދަދެއްގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރެވިދާނެކަމަށެވެ.

ޙަލަބްގައި ބަދަލުކުރަމުންދާ ހަމަލާތައް ޖުލައިމަހުގެ 31ވަނަ ދުވަހުން ފެށިގެން ވަނީ އިތުރުވެފައެވެ. އަދި މިހަމަލާތަކުގެ ސަބަބުން މިމުއްދަތުގައި 333އަށް ވުރެން ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް މޮނިޓަރިން ގްރޫޕްތަކުން މަޢުލޫމާތުދެއެވެ. މީގެ ތެރޭގައި 49 ކުޑަކުދިންވެސް ހިމެނެއެވެ.