ކުޅިވަރު

ކުޅޭކަށް އަދި ނުނިންމަން، ސަޕޯޓަރުން ވަނުން އެދެން – ޓޫކިލޯ


ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި، މިހާރުގެ ޤައުމީ ޓީމް މިމަހުގެ 29 ވަނަ ދުވަހުގެރޭ ކުޅޭ ޚާއްޞަ މެޗުގައި ކުޅުމާއި މެދު އަދި ވަކިގޮތެއް ނުނިންމާކަމަށް ތާރީޚީ ލަނޑު ޖަހައިދިން މުޚުޠާރު ނަސީރު ( ޓޫކިލޯ ) ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ލަނޑު ޖަހައިދިން ހަލުވި ކުޅުންތެރިޔާ ބުނީ އެމެޗުގައި ކުޅުމާއިމެދު ގޮތެއް ނުނިންމަނީ އޭނާ ހުރީ ސަސްޕެންޝަނެއްގައިކަމަށް ވާތީކަމަށެވެ. އެމެޗަކީވެސް އެފްއޭއެމްއިން ރާވާ ހިންގާ މެޗަކަށްވުމުން ސަސްޕެންޝަންގައިހުރެ އެމެޗުގައިވެސް ކުޅެވޭނެކަމަށް ނުދެކޭކަމަށް އޭނާ ބުންޏެވެ.

" ކުޅޭކަށް، އަދި ނުކުޅޭކަށްވެސް ނުނިންމަން. ސަސްޕެންޝަނެއްގައި ހުރީމަ. އެއީވެސް ( 29 ވަނަ ދުވަހު ކުޅޭ މެޗަކީ ) އެފްއޭއެމްއިން ރާވާ ހިންގާ މެޗެއް. އެހެންވީމަ ކުޅެވޭނެކަމަށް ޤަބޫލެއް ނުކުރަން. އެކަމަކު ސަސްޕެންޝަން ކަންތައް އެފްއޭއެމްގައި އެދިފައިވާނީ. މަޝްވަރާކުރަން އަންނަން ބުނެފަ އޮތީ. މެޗު ކުޅެން 27 ގައި މާލޭގައި ހުންނަންވެސް ބުނެފަ އޮތީ. އެކަމަކު އަދި ވަކިގޮތެއް ނުނިންމަން. " މުހުޠާރު ބުންޏެވެ.

އޭނާ ސަސްޕެންޑްކޮށްފައިވަނީ މިދިޔަ އަހަރު މިނިވަން 50 ޗެމްޕިއަންޝިޕްގައި ހިނގާދިޔަ ހާދިސާއެއްގައެވެ.

މުހުޠާރު އެމެޗުގައި ނުކުޅުނު ނަމަވެސް ސަޕޯޓަރުން ދަނޑަށް ވަނުމަށާއި، ފުޓްބޯޅަ ފޯރި ނެގުމަށް އޭނާ އެދެއެވެ. ކާމިޔާބު ހޯދޭނީ ސަޕޯޓަރުންގެ އެހީލިބިގެންކަމަށް އޭނާ ބުންޏެވެ.

" ކާމިޔާބު ހޯދޭނީ ސަޕޯޓަރުން ތިބެގެން. ސަޕޯރޓްކޮށްގެން. މިހާރު ކާމިޔާބު ނުހޯދެނީ ސަޕޯޓަރުންގެ ފޯރިވެސް ނެތީމަ. " މުހުޠާރު ބުންޏެވެ.

29 ވަނަ ދުވަހުގެރޭ ކުޅޭ ޚާއްޞަ މެޗުގައި ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމްގެ ކުޅުންތެރިން ކުޅޭނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ. އަދި އެޓީމަށް އިރުޝާދުދޭނީވެސް މުބާރާތް ކާމިޔާބުކޮށްދިން ކޯޗެވެ. އެމެޗަށް ކޯޗު މާލެ އަންނަނީ ޚާއްޞަ ދައުވަތަކަށް މެޗުގައި ބައިވެރިވުމަށެވެ.