ކުޅިވަރު

24ވަނަ އެމްބީއޭ ޗެންޕިއަންޝިޕްގެ ޗެންޕިއަންކަން އާރުއެލްސީއަށް


4 ޕޮއިންޓްގެ ތަފާތުން މެޗް ކާމިޔާބުކޮށް 24ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެންބައިގެ ޗެންޕިއަންކަން އާރުއެލްސީއިން ހޯދައިފިއެވެ. 

މިމުބާރަތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އާރްއެލްސީން ހޯދާފައިވަނީ ފައިނަލް މެޗްގައި ޓީރެކްސްއާ ވާދަކޮށް 74 ޕޮއިންޓް 70 ޕޮއިންޓްއިން މެޗް ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗް ކާމިޔާބުކޮށް އާރްއެލްސީން ޗެމްޕިއަންކަން ހޯދާފައިވާއިރު، ފައިނަލް މެޗްގެ ގިނަ ކުއާޓަރ ތަކުގައި ލީޑް ކުރަމުންދިޔައީ ޓީރެކްސްއިންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް 4ވަނަ ކުއާޓާގައި އާރްއެލްސީން ލީޑްނެގިއެވެ. 

4ވަނަ ކުއާޓާރގައިވެސް އެހެން ކުއާޓާރ ތަކެކޭ އެއްގޮތަށް ޓީރެކްސްއިން ލީޑް ކުރަމުންދަނިކޮށް ކުއާޓަރ ނިމެން ފަސްވަރަކަށް މިނެޓްއަށް ވެފައިވަނިކޮށް ޓީރެކްސްއަށް ލީޑު ގެއްލި އާރްއެލްސީން ލީޑްނެގިއެވެ. އެއަށްފަހު ހަތަރުވަނަ ކުއާޓަރ ނިމެންދެން ލީޑުގައި ހިފަހައްޓަމުންދިޔައީ އާރްއެލްސީއިންނެވެ. މެޗްގައި ދެ ޓީމްގެ ފަރާތުންވެސް ރެފްރީންގެ ނިންމުންތަކާ ހިންހަމަ ނުޖެހުން ފާޅުކުރަމުންދިޔަކަން ފާހަގަކޮށްލެވުނެވެ. ވާދަވެރި ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެމްޕިއަން އާރްއެލްސީގެ އަހުމަދު ފިރުނާޝްއެވެ. ފައިނަލް މެޗްގައި ޓީރެކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދާދީފައިވަނީ މުހައްމަދު މުހުސިންއެވެ. މުހުސިންވަނީ ޓީރެކްސްއަށް 17 ޕޮއިންޓް ހޯދާދީފަ. 

img:http://s4.psmnews.mv/images/660x400/14718131561969.jpg|24ވަނަ އެމްބީއޭޗެންޕިއަންޝިޕްގެ ފައިނަލް މެޗް (ފޮޓޯ:ޕީއެސްއެމް)

މިމުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން އާރްއެލްސީގެ ކޯޗް މާރްކޯއެވެ. މިމުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހޯދާފައިވަނީ ޓީރެކްސްގެ ޒަކަރިއްޔާ އަބްދުލް ލަތީފްއެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންސިފް ކުޅުންތެރިއަކީ ޓީރެކްސްގެ އިބްރާހީމް ރިޝްވާންއެވެ. އެންމެ މޮޅު އޮފެންސިލް ކުޅުންތެރިއަކީ ޓީރެކްސްގެ ޒަކަރިއްޔާ އަބްދުލް ލަތީފްއެވެ. އެންމެ މޮޅު ޕޮއިންޓް ގާޑަކީ ޓީރެކްސްގެ އިސްމާޢީލް ވިލްދާންއެވެ. މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެމްޕިއަން އާރްއެލްސީގެ އަހުމަދު އަފްޝަން ރަޝީދުއެވެ.

img:http://s4.psmnews.mv/images/660x400/14718131762536.jpg|24ވަނަ އެމްބީއޭޗެންޕިއަންޝިޕްގެ ފައިނަލް މެޗް (ފޮޓޯ:ޕީއެސްއެމް)

މިމުބާރާތުގެ ތެރޭގައި ކުރިއަށްދިޔަ ދިރާގު ސްކިލް ޗެލެންޖްގެ އެއްވަނަ ހޯދާފައިވަނީ ދަ ބައުސްގެ ހަސަން ފާރިޝްއެވެ. އަދި ދިރާގު ޑައުންޓައުން ކިންގްގެ ޗެންޕިއަންކަން ހޯދާފައިވަނީ ޓީރެކްސްގެ އަހުމަދު ހުޝާމްއެވެ. ހުޝާމްވަނީ 17 ޕޮއިންޓް ހޯދާފަ. މިބައިގެ ދެވަނަ ހޯދީ 15 ޕޮއިންޓްއާއެކު ބައުސްގެ އިބްރާހީމް ނަސީމް އަދި ތިންވަނަ 10 ޕޮއިންޓްއާއެކު ހޯދާފައިވަނީ އެލްޓީ ސްޕޯޓްސްގެ މަފާޒް މުހައްމަދުއެވެ.