ވިޔަފާރި

މާލޭގައި ވެންޑިން މެޝިންތަކެއް ބަހައްޓަނީ


މާލޭގެ ދެ ސަރަޙައްދެއްގައި ވެންޑިން މެޝިން ބަހައްޓަވަން ހައުސިންގ މިނިސްޓްރީން ނިންމަވައިފިއެވެ.

ވެންޑިން މެޝިން ބަހައްޓަވަން ނިންމަވާފައިވަނީ ޤައުމީ ދާރުލްއާސާރު ކަންމަތީގައި ތަރައްޤީކުރައްވާ މައިޒާނުގައާއި ސޯސަންގޭގެ ބައެއްގައި ތަރައްގީކުރައްވަމުން ގެންދަވާ މައިޒާނުގައެވެ. ހައުސިން މިނިސްޓްރީން މިހާރުވަނީ މި 2 ސަރަޙައްދުގައި އަމިއްލަ ޚަރަދުގައި ވެންޑިންގ މެޝިން ބަހައްޓައި އަދި އޮޕަރޭޓްކުރާނެ ފަރާތެއް ހޯއްދަވަން އިޢުލާންކުރައްވާފައެވެ.

ވެންޑިންގ މެޝިނަކީ ލުއިކާނާ އާއި ފިނި ބުއިންތައް ލިބޭ، އަދި އަމިއްލައަށް އޮޕަރޭޓްކުރުމުގެ ޤާބިލްކަން ލިބިފައިވާ މެޝިނެކެވެ. މި މެޝިނުން ތަކެތި ލިބޭނީ މެޝިނަށް އެމީހަކު ބޭނުންވާ ލުއި ކާނާއަކާއި ފިނި ބުއިމަކަށްވާ ފައިސާ ދެއްކުމުންނެވެ.

ވެންޑިން މެޝިން ބަހައްޓައި އޮޕަރޭޓްކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް އެކަމާގުޅޭ މަޢުލޫމާތު ދެއްވުމަށް މިމަހުގެ 25 ވާ ބުރާސްފަތި ދުވަހު ބައްދަލުވުމެއް ބޭއްވެވުމަށް ހަމަޖެހިފައިވެއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށައެޅުމުގެ ފުރުޞަތު އަންނަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.