ޚަބަރު

މަސްވެރިކަމަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް


  • މިއީ 3 މަސް ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް

  • ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 23ވަނަ ދުވަހުގެ

ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ، ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ތެރެއިން ހިންގޭ ޕްރޮގްރާމެއްކަމަށެވެ. އަދި މިއީ ވާލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

3 މަސް ދުވަހަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފައްދައި، އެ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކަށް ޒުވާނުން ނެރުންކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދިނުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު އަމާޒެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތައް:

* މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތެއް ކަމުގައިވުން
* އުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށްވުން.
* މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށްވުން.

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާ ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދެވޭނެކަމަށެވެ.

އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު، ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުޞަތު މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުން ފެށިގެން މިއަންނަ އަހަރުގެ ޖެނަވަރީ މަހުގެ ނިޔަލަށްކަމަށާއި، މި މުއްދަތުގައި، ބައިވެރިންނަށް ޑެއިލީ އެލަވަންސެއް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ތަމްރީނު ޕްރޮގްރާމް ގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މިކަމާގުޅޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 23 އޮކްޓޫބަރ 2025 ގެކުރިން އީމެއިލް މެދުވެރިކޮށް ހުށަޙެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތުދެވޭނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ 5 ޒުވާނަކަށެވެ.