ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރުމަށް ފަހު 48 ގަޑިއިރަށް ޙަމަލާ ބަދަލުކުރުން މެެދުކަނޑާލާފައިވަނިކޮށް، ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި ދިން ބޮމުގެ ޙަމަލާއެއްގައި ޕާކިސްތާނުގެ ސިފައިން ހަތް މީހުން މަރުވެފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ޙަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރަމުން ދިޔަ ޙަމަލާތަކުގައި ދެ ފަރާތުން ވެސް ޢާންމުން މަރުވެ، ގިނަ ޢަދަދެއްގެ މީހުންނަށް ޒަޚަމްވެފައި ވަނިކޮށެވެ.
އެ ޙަމަލާދީފައިވަނީ ޕާކިސްތާނުގެ އުތުރުގައި އޮންނަ ވަޒިިރިސްތާނު ސަރަޙައްދުގައި ހުރި އަސްކަރީ މަރުކަޒަކަށް ކަމަށާއި، އެ ޙަމަލާގައި ސިފައިންގެ އިތުރު 13 މީހުން ޒަޚަމްވެފައިވާ ކަމަށް އަސްކަރިއްޔާއިން ބުންޏެވެ.
އަދި ޙަމަލާދިން މީހުން، އަސްކަރީ މަރުކަޒުގެ ތެރެއަށް ވަދެގަތުމަށް މަސައްކަތްކުރިނަމަވެސް، އެ މީހުން ބަޑިޖަހައި މަރާލާފައިވާކަމަށް ބުނެފައިވެއެވެ.
ދެ ފަރާތުގެ ދެމެދުގައި މަައްސަލައެއް އުފެދިފައި މި ވަނީ، ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް ޕާކިސްތާން ސަރުކާރުން ޠާލިބާނުންގެ ސަރުކާރަށް ގޮވައިލުމާ ގުޅިގެންނެވެ. ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި، އެ ޤައުމުގައި ނިރުބަވެރި އަމަލުތައް ހިންގާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުންނަށް ޠާލިބާން ސަރުކާރުން ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެއެވެ.
ނަމަވެސް، ޠާލިބާނުންގެ ސަރުކާރުން މި ތުހުމަތުތައް ދޮގު ކުރެއެވެ. ޠާލިބާނުން ބުނަނީ އެ ތުހުމަތުތަކަކީ އަފްޣާނިސްތާނާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރައި، ސަރަޙައްދީ ރޮނގާ ގުޅޭ ސަރަޙައްދުތައް ހަލަބޮލިކޮށް، ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިސިސްއާ ގުޅުންހުރި ހަނގުރާމަވެރިން ހިމާޔަތްކޮށް، އަފްޣާނިސްތާނުގެ ހަމަޖެހުމާއި އިސްތިގުލާލަށް ބާރު ފޯރުވުމަށް ކުރާ ތުހުމަތުތަކެއް ކަމަށެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު 2,600 ކިލޯމީޓަރުގެ ސަރަޙައްދީ ރޮނގެއް ހިއްސާ ކުރެއެވެ. ދެ ފަރާތުގެ ދެމެދުގައި ދޭތެރެދޭތެރެއިން ދަނީ ޙަމަލާ ބަދަލު ކުރަމުންނެވެ. މި ހަމަނުޖެހުންގަނޑާ އެކު ދެ ޤައުމުން ވަނީ ބައެއް ސަރަޙައްދީ ހުރަސްތައް ވެސް ބަންދު ކޮށްފައެވެ. މިއާ އެކު، ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރިއަށް ވެސް ވަނީ ހުރަސް އެޅިފައެވެ.