ސިއްހަތު

އައިޖީއެމްއެޗުން އިތުރު ޒަމާނީ ޚިދުމަތްތަކެއް ދޭން ތައްޔާރުވަނީ


އައި.ޖީ.އެމް ހޮސްޕިޓަލުގައި އިތުރު ޚިދުމަތްތައް ފެއްޓެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ނޮވެމްބަރުމަހުގެ ނިޔަލަށް ޢިމާރާތަށް ގެންނަވާ މައިގަނޑު ބަދަލުތައް ގެންނަވައި، ޒަމާނީ ޚިދުމަތްތަކެއް ފަށްޓަވާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު ވިދާޅުވެއްޖެއެވެ.

އައި.ޖީ.އެމް.އެޗްގެ ގަވަރނިންގް ބޯޑާއެކު މިއަދު ބޭއްވެވި ބައްދަލުވުމާބެހޭ މަޢުލޫމާތު ޕީ.އެސް.އެމާއި ޙިއްޞާކުރައްވަމުން، މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އައި.ޖީ.އެމްއެޗްގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދަނީ އެންމެ ރަނގަޅަށްތޯ ބައްލަވައި، އެކަމުގައި މިނިސްޓްރީ އޮފް ހެލްތުން އެހީތެރިކަން ބޭނުންވާ ދާއިރާތަކާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14717987505278.jpg|އައި.ޖީ.އެމް.އެޗްގެ ގަވަރނިންގް ބޯޑުގެ ބައްދަލުވުމުގެ ތެރެއިން- އެގޮތުން ހޮސްޕިޓަލުން ޚިދްމަތް ދިނުމުގައި ބޭނުންވާ ޞިއްޙީ އެހީތެރިންނާއި، ނަރުހުންނާއި ޑޮކްޓަރުން ހަމަޖެއްސުމާބެހޭ މަޝްވަރާތަކެއް ކުރެވުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަދު ބޭއްވި ބައްދަލުވުމުން، އައި.ޖީ.އެމް.އެޗްގެ ތަރައްޤީގެ މަޝްރޫޢުގެ މަސައްކަތް ތާވަލާ އެއްގޮތައް ކުރިޔަށްދާކަން އެނގިގެން ދިޔަކަމަށާއި، އެކަމާއި ވަރަށް އުފާކުރައްވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޒަމާނީ ހެޔޮ ބަދަލަކާއެކު ރައްޔިތުން ބޭނުންވާފަދަ ޚިދްމަތްދެވޭ، އަދި ޚިދްމަތްދޭ ފަރާތްތަކަށްވެސް ފަސޭހަ، ހިތްގައިމު ތަނަކަށް އައި.ޖީ.އެމް ހޮސްޕިޓަލް ބަދަލުވެގެންދާނޭކަމުގެ ފުރިހަމަ އުންމީދު އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައި.ޖީ.އެމް.އެޗްގެ ގަވަނިންގް ބޯޑަކީ، އައި.ޖީ.އެމް.އެޗުގެ އެންމެހައި ޚިދްމަތްތައް ވިލަރެސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ބޯޑެކެވެ.

އައި.ޖީ.އެމް.އެޗްގެ އެންމެހައި ކަންކަން ހިންގަމުންދާނީ މި ބޯޑްގެ އިރުޝާދުގެ ދަށުންނެވެ.