ފަލަސްޠީނުގެ ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ރަފަޙް ހުރަސް ހުޅުވައި ޣައްޒާގެ ރައްޔިތުންނަށް ވަދެ ނިކުތުމަށް ޙުއްދަ ދޭނެ ކަމަށް ޔަހޫދީން ބުނެފައިވާ ނަމަވެސް، ޙަމާސުން އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް ބުނެ އެ ހުރަސް ހުޅުވުމަށް ޔަހޫދީން ދަނީ އުޒުރުދައްކަމުންނެވެ.
2024ވަނަ އަހަރުގެ މެެއި މަހުން ފެށިގެން ޔަހޫދީން ވަނީ ރަފަޙް ހުރަސް ބަންދުކޮށްފައެވެ. މި އަހަރުގެ ފެބަރުއަރީ މަހުގެ ތެރޭގައި އެ ހުރަސް މެދުވެރިކޮށް ބައެއް ބަލި މީހުން މިޞްރަށް އެތެރެވުމުގެ ފުރުޞަތު ދީފައިވެއެވެ. މި ހުރަސް އަލުން ހުޅުވައިލާނެ ކަމަށް ޔަހޫދީން ބުނި ނަމަވެސް ހުޅުވައިލާނީ ކޮން ތާރީޚެއްގައި ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޢުދުވާނީ ޙަމަލާތައް، ދެ އަހަރަށް ފަހު ހުއްޓާލައިފައި ވަނީ މި މަހުގެ 9ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުން އެކުލަވައިލުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ.
އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ ދެމެދުގައި އަސީރުންނާއި ޤައިދީން ބަދަލުކޮށް، ދެ ބައި މީހުންގެ ބެލުމުގެ ދަށުގައި ތިއްބައި މަރުވެފައިިވާ މީހުންގެ ހަށިތައް ރައްދުކުރުން ހިމެނެއެވެ. ނަމަވެސް ޙަމާސުން ވަނީ ބައެެއް ހަށިތައް ވަޅުލާފައި ވަނީ ބިންގަރާސްތަކުގައި ކަމަށް ވެފައި، ޔަހޫދީންގެ ޙަމަލާތަކުގައި ބައެއް ބިންގަރާސްތައް ސުންނާފަތިވެފައިވާތީ އާއި ވެއްޓިފައިވާ ބައެެއް އިމާރަތްތަކުގެ ދަށުަގައި ބައެއްް ބިންގަރާސްތައް ހުރުމުން އަސީރުންގެ ހަށިތައް ހޯދައި ނެގުމަށް ދަތިވެފައިިވާ ކަމަށް ބުނެފައެވެ. އެ މަސައްކަތް ކުރުމަށް ކޮންނަ މެޝިނުތައް ފަދަ ތަފާތު މެޝިންތައް ބޭނުންވާ ކަމަށް ވެސް އެ ޖަމާޢަތުން ބުނެފައިވެއެވެ. ޙަމާސުން މިހާތަނަށް 10 ހަށިގަނޑު ރައްދުކޮށްފައިވާ އިރު، އަދި އިތުރު 19 ހަށިގަނޑު ރައްދުކުރަން ޖެހެއެވެ. އެ ޖަމާޢަތުން ބުނީ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށް ހަށިތައް ރައްދުކުރާނެ ކަމަށެވެ.
އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހު ޙަމާސުން ވަނީ ޔަހޫދީން އެއްބަސްވުމާ ޚިލާފުވެ، އެއްބަސްވުން ޤާއިމް ކުރި ފަހުން ފަލަސްޠީނުގެ 24 ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ޔަހޫދީން އެއްބަސްވުމާ ޚިލާފުވެފައިވާ ޙާލަތްތައް ބަޔާންކޮށް، އެއްބަސްވުން އެކުލަވާލުމުގައި އެހީތެރިވި ޤައުމުތަކަށް އެ ލިސްޓު ފޮނުވާފައިވާ ކަމަށް ޙަމާސުން ބުނެއެވެ.
ޣައްޒާގެ އިދާރާތަކުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ޚާން ޔޫނިސްއަށް ދީފައިވާ ޙަމަލާއެއްގައި ދެ މީހުން ޝަހީދުވެފައިވާ ކަމަށާއި، ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ހަތް މީހުން ޝަހީދުވެފައިވާ ކަމަށެވެ. ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކުގައި ޔަހޫދީންގެ ޑްރޯންތަކާއި އަސްކަރީ މަތިންދާބޯޓު ޙަރަކާތްތެރިވެފައިވެއެވެ.