2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގަނައުމަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޔަހޫދީންގެ ބެލުމުގެ ދަށިގައި ހުރި ފަލަސްޠީނުގެ 45 މީހެއްގެ ހަށިތައް ޙަވާލުކޮށްފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.
އެމެރިކާ އިސްވެ އޮވެ އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ވެރިކަންކުރާ ޙަމާސުން ޙަވާލުކުރާ މަރުވެފައިވާ ކޮންމެ ޔަހޫދީ އަސީރެއްގެ ހަށިގަނޑުގެ ބަދަލުގައި ޔަހޫދީންގެ ބެލުމުގެ ދަށުގައި ތިއްބައި ޝަހީދުވެފައިވާ 15 ފަލަސްޠީނުގެ ރައްޔިތުންގެ ހަށިތައް ރައްދުކުރަން ޖެހެއެވެ. އެންމެ ފަހުން ޙަވާލުކޮށްފައިވާ ހަށިތަކާއެކު އެއްބަސްވުން ޤާއިމްކުރި ފަހުން ޙަވާލުކޮށްފައިވާ ހަށިގަނޑުގެ ޖުމްލަ ޢަދަދު މި ވަނީ 90އަށް އިތުރުވެފައެވެ.
ޔަހޫދީންގެ ބެލުމުގެ ދަށުގައި ތިއްބާ ޝަހީދުވި މި މީހުންގެ ހަށިތައް ޣައްޒާގެ ސަރުކާރާ ޙަވާލުކޮށްފައި ވަނީ ރެޑް ކްރޮސް މެދުވެރިކޮށެވެ. ޞިއްޙީ ޓީމުތަކުން މިހާރު ދަނީ ޞިއްޙީ އިޖުރާޢުތަކާއި އުޞޫލުތަކާ އެއްގޮތަށް ހަށިތައް ބަލައި، ލިޔެކިޔުންތައް ފުރިހަމަކޮށް، ޢާއިލާތަކާ ހަށިތައް ޙަވާލު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އެ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
ޔަހޫދީންގެ ބެލުމުގެ ދަށުގައި ތިއްބައި ޝަހީދުވި މީހުންގެ ހަށިތައް ޣައްޒާގެ ނާޞިރު ހަސްފަތާލަށް ގެންގޮސްފައިވާއިރު އެ ހަށިތައް ބަލައި ޓީމުތަކުން ވަނީ އެ ހަށިތަކުން ބޮޑެތި އަނިޔާތައް ދީފައިވާ ކަމުގެ ހެކިތައް ފެނިފައިވާ ކަމަށް ބުނެފައެވެ. ބައެއް ހަށިތައް ވަނީ ކަނުބަނދެ، ބިިޑިއަޅުވައިފައެވެ. ބެލެވޭ ގޮތުގައި ޔަހޫދީން އެ މީހުން ޝަހީދުކޮށްލާފައި ވަނީ އެ ގޮތަށް ބައިތިއްބާފައެވެ.
އެންމެ ފަހުން ޙަވާލުކޮށްފައި ވަނީ އުުމުރުން 25 އަހަރާއި 70 އަހަރާ ދެމެދުގެ މީހުންގެ ހަށިތަކެވެ. ގިނަ މީހުންގެ ކަރުގައި ބޭންޑެއް އަޅުވާފައިވެއެވެ. އެކަކުގެ ކަރުގައި ވާގަނޑެއް އައްސާފައިވެއެވެ. އެންމެ ފަހުން ޙަވާލުކޮށްފައިވާ 45 ހަށިގަނޑުގެ ތެރެއިން ރެޑް ކްރޮސްއިން ޙިއްޞާ ކޮށްފައި ވަނީ އެންމެ ތިން މީހުންގެ ނަމެވެ. މީހުންގެ ވަނަވަރު ދެނެގަތުމަށް މަސައްކަތް ކުރަމުންދާއިރު، ގިނަ ޢާއިލާތައް ތިބީ އެ މީހުންގެ ޢާއިލާ މެންބަރުންނަށް ވީގޮތެއް ސާފުނުވެފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ އިތުރު ހަށިތައް ޔަހޫދީން ޙަވާލު ކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ޙަވާލު ކުރާނީ ކިތައް ހަށިގަނޑު ކަމެއް ނުވަތަ ޔަހޫދީންގެ ބެލުމުގެ ދަށުގައި ހުރީ ފަލަސްޠީނުގެ ކިތައް މީހުންގެ ހަށިގަނޑު ކަމެއް ޔަހޫދީން ބުނެފައެެއް ނުވެއެވެ. މިހާރު ޙަވާލުކޮށްފައިވާ ހަށިތަކަކީ ޔަހޫދީ ސިފައިން ޣައްޒާއަށް އަރައި ޙަމަލާ ދެމުންދިޔަ ދުވަސްވަރު ގަބުރު ކޮނެ ވަގަށް ނަގާފައިވާ ހަށިތަކަކަށް ވުން ވެސް އެކަށީގެންވެއެވެ.
ފާއިތުވި ދެ އަހަރު ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޢުދުވާނީ ޙަމަލާގައި ޣައްޒާގެ 68،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ފަލަސްޠީނުން ބުނާ ގޮތުގައި ޝަހީދުވެފައިވާ މީހުންގެ ހަޤީޤީ ޢަދަދު ރަސްމީ ޢަދަދަށް ވުރެ އެތައް ހާސް މީހުން އިތުރުވާނެ ކަމަށް ޤަބޫލުކުރެއެވެ. އިމާރާތްތަކުގެ ދަށުގައި ވެސް އެތައް ހާސް މީހުންގެ ހަށިތައް ހުރިކަމަށް ބެލެވެއެވެ. ވީނުވީއެއް ނޭނގި އެތައް ހާސް ބަޔަކު ވަނީ ގެއްލިފައެވެ.