ޚަބަރު

ޝަރާޢު ޕުޓިންއަށް: ރަޝިޔާއިން އަސަދާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެޗްޓީއެސްގެ ސަރުކާރުން އިޙުތިރާމު ކުރާނެ


ސޫރިޔާގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢު، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލުކޮށްފިއެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި ބައްދަލުވުމުގައި ޝަރާޢު ވަނީ، ރަޝިޔާއިން ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރާ އެކު ހަދާފައިވާ އެއްބަސްވުންތަކަށް އެޗްޓީއެސްގެ ސަރުކާރުން ފުރިހަމައަށް އިޙުތިރާމު ކުރާނެ ކަމުގެ ޔަގީން ކަން އަރުވާފައެވެ.

އެޗްޓީއެސުން އަސަދުގެ ވެރިކަން ވައްޓައިލާފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ހަނގުރާމަވެރިން ވެރިރަށް ދިމިޝްޤަށް އަރައިގަތުމުން، އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ދަތުރު ކުރައްވައި، މޮސްކޯއިން ޙިމާޔަތް ހޯއްދަވާފައެވެ. އަސަދަކީ ޕުޓިންގެ އަރިސް ބޭފުޅެކެވެ.

މިއީ، އަސަދުގެ ވެރިކަން ވައްޓައިލައި، ސޫރިޔާގެ ވެރިކަން އެޗްޓީއެސުން ފޭރިގަތްފަހުން ޝަރާޢު މޮސްކޯއަށް ކުރާ ފުރަތަމަ ދަތުރެވެ. އަސަދުގެ ސަރުކާރާ އެކު ރަޝިޔާއިން ހަދާފައިވާ އެއްބަސްވުންތަކަށް އިޙުތިރާމު ކުރާނެ ކަމުގައި ޝަރާޢު ބުނުމާ އެކު، ސޫރިޔާގައި ހުރި ރަޝިޔާގެ އަސްކަރީ މަރުކަޒުތަކުގެ ސަލާމަތާއި ރައްކާތެރިކަން އެޗްޓީއެސްގެ ސަރުކާރުން ކަށަވަރު ކޮށްދިނުމުގައި ދެމިއޮންނާނެ ކަން ހާމަވެގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

"ރަޝިޔާއާއި އަޅުގަނޑުމެންގެ [ސޫރިޔާގެ] މަސްލަޙަތު ގުޅިފައިވާ ކަންކަމާއި ދޭދޭ ގުޅުންތައް އޮވޭ، އެ ކަންކަމާ ގުޅޭ އެއްބަސްވުންތަކަށް އަޅުގަނޑުމެން އިޙުތިރާމު ކުރާނަން. އަދި، ރަޝިޔާއާ އެކު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" ޕުޓިން އަރިހުގައި ޝަރާޢު ބުންޏެވެ.

ރަޝިޔާއާއި ސޫރިޔާއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ޕުޓިން ވެސް ވަނީ ވިދާޅުވެފައެވެ. އަދި، އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ދެ ފަރާތުގެ ދެމެދުގައި މިހާރު ވެސް މަޝްވަރާ ކުރަމުންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޕުޓިންއާއި ޝަރާޢާ ދެމެދު ބޭއްވި ބައްދަލުވުމުގެ މަޢުލޫމާތު ސާފުކޮށްދެއްވަމުން ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު އަލެކްސާންދްރަ ނަވާކް ވިދާޅުވީ ސޫރިޔާއާ އެކު ތެލާއި ހަކަތައިގެ ދާއިރާއިން ގުޅިގެން މަޝްރޫޢުތަކެއް ހިންގުމަށް ރަޝިޔާއިން ތައްޔާރަށް އޮތް ކަމުގައެވެ. މީގެ އިތުރުން، ސޫރިޔާގެ އަހުލީހަނގުރާމައިގައި ގެއްލުން ލިބިފައިވާ ޢުމްރާނީ ވަސީލަތްތައް އަލުން އާރާސްތު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ޕުޓިން ވާހަކަފުޅު ދައްކަވާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ރޭލު ދަތުރުފަތުރުގެ ވިއުގައާއި އެހެނިހެން ޢުމްރާނީ ވަސީލަތްތައް ހިމެނޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ރަޝިޔާގެ ކުންފުނިތަކުން ސޫރިޔާގެ ތެޔޮ ދަނޑުތަކުގައި ހަރަކާތްތެރިވަމުންދާތާ އެތަކެއް އަހަރެއް ވެއްޖެ. އޭގެ ތެރޭގައި ބައެއް ވަސީލަތްތައް އިތުރަށް ތަރައްޤީ ކުރަން ޖެހޭ، ބައެއް ތަންތަން ވަނީ ވީރާނާވެފައި، އަދި އައު ތެޔޮ ސާފުކުރާ ކާރުޚާނާތައް އެބަހުރި. އެ ދާއިރާގައި ބައިވެރިވުމަށް އަޅުގަނޑުމެން ތައްޔާރު،" އޭނާ ވިދާޅުވިއެވެ.

ސޫރިޔާގައި ރަޝިޔާގެ ދެ އަސްކަރީ މަރުކަޒެއް އޮވެއެވެ. އޭގެ ތެރޭގައި އަލް-ލާޒިޤީއްޔާގައި ހުރި ޙަމީމީމް އަސްކަރީ ވައިގެ ބަނދަރާއި، ޠަރްޠޫސްގައި ހުރި ކަނޑުގެ ސިފައިންގެ މަރުކަޒު ހިމެނެއެވެ. މީގެ އިތުރުން، ތުރުކީވިލާތާއި އިރާޤުގެ ސަރަޙައްދީ ރޮނގު ކައިރީ އޮތް އަލް-ޤަމަޝްލީ ވައިގެ ބަނދަރުގައި ވެސް ރަޝިޔާގެ ފައުޖުތައް ޤާއިމުކޮށްފައިވެއެވެ. ޝަރާޢާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ އަސްކަރީ މަރުކަޒުތަކުގެ ކުރިމަގާ ގުޅޭ ގޮތުން ޕުޓިން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައި އޮތް ކަމުގައި ކްރެމްލިނުން ކުރިން ބުނެފައިވެއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފް ވިދާޅުވީ ސޫރިޔާގައި ރަޝިޔާގެ އަސްކަރިއްޔާއިން ދެމިތިބުމަށް ދިމިޝްޤުން ބޭނުންވާ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. އަދި، އެ މަރުކަޒުތައް ބޭނުންކޮށް އެފްރިކާ ބައްރުގެ ޤައުމުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކުރަމުންދާ ކަން އޭނާ ހާމަކުރެއްވިއެވެ. ސޫރިޔާއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، އަސަދަށް ވަފާތެރި ހަނގުރާމަވެރި ޖަމާޢަތްތަކަށް ރަޝިޔާއިން އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެ ކަމާ ގުޅޭ ގޮތުން ޕުޓިންއާއި ޝަރާޢު މަޝްވަރާ ކޮށްފައިވާ ކަމުގައި އެޗްޓީއެސް ސަރުކާރުގެ މަޞްދަރުތަކުން ކަށަވަރު ކޮށްދިނެވެ.