ދީން

400 އަށްވުރެ ގިނަ މީހުން މިއަދު ރާއްޖެއިން ޙައްޖަށް ފުރައިފި


މިއަހަރު ރާއްޖެއިން ޙައްޖަށް ގިނަ ބަޔަކު މިއަދު ފުރައިފިއެވެ.

މިއަދު 3 ފުލައިޓެއްގައި ހަތަރު ސަތޭކަ އަށްވުރެ ގިނަ ދިވެހިން ޙައްޖަށް ފުރާފައިވެއެވެ. މިއަދު ޙައްޖަށް ފުރި ދެ ފްލައިޓުން ދަތުރުކުރި ޙައްޖާޖީން މިހާރު ސަޢުދިއަށް ދެވިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ރާއްޖެއިން މިއަހަރު 2000 މީހުން ޙައްޖަށް ދިއުމަށް ހަމަޖެހިފައިވާއިރު މީގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ފުރާފައެވެ. މިއަދަކީ މިއަހަރު ރާއްޖެއިން އެއްދުވަހެއްގައި އެންމެ ގިނަ މީހުން ޙައްޖަށްދާން ފުރި ދުވަހެވެ. ތިން ފްލައިޓެއްގައި މިއަދު ދިވެހި ޙައްޖުވެރިން ފުރާފައިވެއެވެ. އޭގެތެރެއިން ދުވާލު ދެފްލައިޓެއްގައި މީހުން ފުރާފައިވެއެވެ. އެއީ މިއަދު 10:50ގައި ފުރި އަލްޙަރަމައިނިޖަމާޢަތުގެ ޙަވާލުގައި ޙައްޖައްދާ މީހުންގެ ތެރެއިން 65 މީހުނާއި މެންދުރު 2:10ގައި ފުރި މީހުން އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖައްދާން ފުރި 246 މީހުންނެވެ. މީގެއިތުރުން އަލްޙަރަމައިނިޖަމާޢަތުގެ ޙަވާލުގައި ޙައްޖަށްދާ އިތުރު 95 ހައްޖުވެރިއަކުވެސް ވަނީ މިރޭ 8:20ގައި ފުރާފައެވެ.

tw:https://twitter.com/Hajjcorporation/status/767281060581351424

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދާ މީހުންގެ ތެރެއިން އެންމެފަހުން ފުރާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެއީ 266 މީހުންނެވެ. މީގެ މީގެއިތުރުން އަލްޙަރަމައިނި ގްރޫޕްގެ ޙަވާލުގައި ޙައްޖައްދާ މީހުންގެ ތެރެއިން މިހާތަނަށް ނުފުރާ ތިބި މީހުން މާދަމާ ފުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިން މިއަހަރު ޙައްޖަށް ފުރަންފެށީ މިމަހުގެ ފަނަރަވަދުވަހުގައެވެ. މިއަދާ ހަމައަށް 1909 މީހުން ޙައްޖަށް ދިއުމަށް ފުރާފައިވެއެވެ.

މިއަހަރު ރާއްޖެއިން ޙައްޖައްދާ މީހުންގެ ތެރެއިން އެންމެ ފަހުން ފުރުމަށް ހަމަޖެހިފައިވާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތޭވީސް ވަނަދުވަހުގައެވެ. އެއީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ޙަވާލުގައި ފުރުމަށް ހަމަޖެހިފައިވާ 193 މީހުންނެވެ. ސިސިލްފަރު ޙައްޖު އެންޑް އުމްރާ ގްރޫޕަށް ދެއްވާފައިވާ 200 މީހުންގެ ޖާގައިގެ ތެރެއިން 7 މީހުން އެ ގްރޫޕްގެ އެޑްވާންސް ޓީމްގެ ގޮތުގައިކުރިން ވަނީ ފުރާފައެވެ.

tw:https://twitter.com/Hajjcorporation/status/767373321113481216

މިއަހަރު ރާއްޖެއިން ޙައްޖަށްދާ 2000 މީހުންނަށްޓަކައި، ސަރުކާރުން ވަނީ މުހިންމު އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވާފައެވެ. މީގެތެރެއިން އެއްކަމަކީ، ޙައްޖަށް ދާ މީހުންނަށް ޖިއްދާ އެއަރޕޯޓުން ފެށިގެން ހޮޓަލާ ހަމައަށް ދަންދެން، ދިވެހި ޙައްޖު މިޝަންގެ ފަރާތުން އެހީވެދެއްވުމާއި ޙައްޖުގެ އެކި މަރުޙަލާތަކުގައި ބޭނުންވާ އެހީތައް ލިބިދެމުން ގެންދިއުމެވެ. އަދި ރާއްޖެއިން ޙައްޖަށްދާ ކޮންމެ މީހަކަށް 1000 ޑޮލަރު ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމާއި މާލެއިން ފުރާއިރު ހިލޭ ފެރީގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމާއި ޙައްޖުވެރިން ފުރާއިރު ބޭނުންވާ ބައެއް އެހީތެރިކަން ދެއްވުމުގައި ސިފައިން ޙަރަކާތްތެރިވެވަޑައިގަތުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސް ޕާރޝަން އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވާ ގޮތުގައި، ދިވެހި ޙައްޖުވެރިންގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވަމުން އެބަގެންދަވައެވެ. އަދި ޙައްޖުވެރިންނަށް ބޭނުންވާ ކަންތައްތައް ހަމަޖައްސަވައިދެއްވުމަށް ސަރުކާރުން އިސްކަންދެއްވާކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރު އަމީރުލް ޙައްޖުގެ ވަޑައިގަތުމަށް ހަމަޖައްސަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙެވެ.