މައްކާގެ މަސްޖިދުލް ޙަރާމްއާ އިންވެގެން ނުވަ ލައްކަ މީހުންނަށް އަޅުކަންކުރެވޭ ވަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހު އެ މަސައްކަތް ފައްޓަވާދެއްވާފައި ވަނީ ސަޢުދީ ޢަރަބިއްޔާގެ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާންއެވެ.
އަލަށް ތަރައްޤީ ކުރާ ސަރަޙައްދުގައި ނަމާދު ކުރާނެ ޖާގަ ޤާއިމްކުރަނީ އިމާރާތުގެ އެތެރޭގައި އަދި ބޭރުގައި ވެސް އަޅުކަންކުރެވޭނެ ގޮތަށެވެ. ޖުމްލަ 12 މިލިޔަން އަކަ މީޓަރުގެ މި ސަރަޙައްދަށް ދީފައިވާ ނަމަކީ ‘ކިންގ ސަލްމާން ގޭޓް’އެވެ. އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާ އާރުޔޫއޭ އަލްޙަރަމް އަލްމައްކީ ކޮމްޕަނީން ބުނީ އެ މަޝްރޫޢުގެ ސަބަބުން ޙަރަމްފުޅު ބޭނުން ކުރުމުގައި އިތުރު ފަސޭހަތައް ލިބިގެން ދާނެ ކަމަށެވެ. ނަމަވެސް އެ މަޝްރޫޢުގެ އަގު، އަދި މަޝްރޫޢު ނިމޭނެ ކަމަށް ބެލެވޭ ތާރީޚެއް ޙިއްޞާކޮށްފައެެއް ނުވެއެވެ.
މަސްޖިދުމް ޙަރާމްއަކީ މުސްލިމުންގެ އެންމެ މާތް އަދި މުޤައްދަސް މިސްކިތެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު މިސްކިތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރަކު އެތައް މިލިޔަން މީހުންނެއް އަޅުކަން ކުރުމަށް އެ މިސްކިތަށް ޒިޔާރަތް ކުރެއެވެ.
ސަޢުދީ ޢަރަބިއްޔާއިން ދަނީ ވިޝަން 2030ގެ ނަމުގައި ޚާއްޞަ މަސައްކަތްތަކެއް ފަށައި އެ ޤައުމުން ތެލުގެ ވިޔަފާރިއަށް ބަރޯސާވާ ބަރޯސާވުން ކުޑަކޮށް، އެހެން ދާއިރާތައް ކުރިއަރުވައި ބޮޑެތި އިޤްތިޞާދީ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. 2030ވަނަ އަހަރުގެ ކުރިން ޙައްޖާއި އުމްރާގެ އަޅުކަމަށް އެ ޤައުމަށް އަހަރަކު 30 މިލިޔަން މީހުން ޒިޔާރަތް ކުރުމަކީ އެ ޤައުމުގެ މަޤްޞަދެކެވެ. 2019ވަނަ އަހަރު ޙައްޖާއި އުމްރާއިން ސަޢުދީ ޢަރަބިއްޔާއަށް 12 ބިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.