ޚަބަރު

ކޮޅުވެއްޓި ބަންޑުން ޖަހާލުން: އެކަކު ފެނުނީ ނިޔާވެފައި އޮއްވާ، ދެމީހަކު އަދިވެސް ނުފެނޭ


  • ކޮޅުވެއްޓީގައި ޖުމްލަ 7 މީހަކު ދަތުރުކުރި

  • މިއީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެއް

މާލެއިން ފުރައިގެން ކ.އެރިޔަދޫ އަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ފެނިއްޖެއެވެ.

ރޭ ދަންވަރު ހިނގި މިހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުކާޑުން ދަނީ ކުރަމުންނެވެ. މިހާތަނަށް ގެއްލުނު 3 މީހުންގެ ތެރެއިން އެކަކު ފެނިފައިވާއިރު، އެމީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައެވެ.

ފުލުހުން ވިދާޅުވީ އެމީހާ ނެގިއިރުވެސް އޮތީ ނިޔާވެފައިކަމަށެވެ. މީމީހާގެ ހަށިގަނޑު ފެނިފައިވަނީ، ހެނދުނު 8:4 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ގެއްލުނު ތިން މީހުންގެ ތެރެއިން ދެމީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަަހާލިއިރު އޭގައި 7 މީހުން ތިބި ކަމަށެވެ.

ކޯސްޓްގާޑުގެ ޑައިވަރުން މިހާރުވެސް އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދާއިރު ލޭންޑިންގ ކްރާފްޓް އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.