ތަޢުލީމު

މަސްތުވާތަކެއްޗާބެހޭ ޚާއްސަ ތަމްރީނުތަކެއް ޓީޗަރުންނަށް


މަސްތުވާތަކެއްޗާ ދުރުހެލިކުރުމަށް ސްކޫލްތަކުން ކުރެވެން ހުރި ކަންތައްތަކާ ބެހޭގޮތުން ޓީޗަރުންނަށް މަޢުލޫމާތުދެއްވުމުގެ ބައްދަލުވުމެއް ފަށްޓަވައިފިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިވަޑައިގެން ބާއްވަވާ މި މަސައްކަތު ބައްދަލުވުމުގައި މާލޭގެ އެކި ސްކޫލްތަކުން ޓީޗަރުންނާއި ކަމާބެހޭ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.

ސްކޫލް މާޙައުލުގައި ދަރިވަރުން މަސްތުވާތަކެއްޗާއި ދުރުހެލިކުރުވާނެ ގޮތްތަކާއި، އެފަދަ ޙާލަތްތަލުގައި ޢަމަލުކުރާނެ ގޮތްތަކާއި ބޭހޭގޮތުން ފެއްޓެވި މި މަސައްކަތު ބައްދަލުވުމުގައި މާލޭގެ އެކި ސްކޫލްތަކުގެ ޓީޗަރުންނާއި ކައުންސެލަރުންނާއި ހެލްތް އޮފިސަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. ސިލްސިލާ ޕްރޮގްރާމެއްގެ ގޮތަށް އެންޑީއޭއިން ކުރިޔަށް ގެންދަވާ މި ޕްރޮގްރާމަކީ މަސްތުވާތަކެތިން ކުޑަކުދިން ސަލާމަތްކޮށް ރަނގަޅު މުޖްތަމަޢެއް ބިނާކުރެއްވުމަށް ހިންގަވާ ޕްރޮގްރާމެކެވެ.

އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައި ފެއްޓެވި މި މަސައްކަތު ބައްދަލުވުން ޝަރަފްވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ޖުވެއިނަލް ޖަސްޓިސް ޔުނިޓްގެ އެގްޒެކްޓިވް ޑިރެކްޓަރ ޙާމިދު ޔޫސުފް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެތަކެއް ޒަމާންތަކެއް ވަންދެން އަޅުގަނޑުމެންގެ މުޖްތަމަޢުން ތަޙައްމަލް ކުރަމުންދާ މައްސަލައެއް ކަމަށެވެ. މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ކުދިންގެ އެންމެ ޅަޢުމުރުގައި އެކުދިންނަށް ސަމާލުކަން ދިނުން މުހިންމު ކަމަށް ޙާމިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޖުވެއިނަލް ޖަސްޓިސް ޔުނިޓްގައި މަސައްކަތް ކުރާއިރު، މި މަސައްކަތް ކުރަނީ އެއްކަލަ ކުށްކުރާ ކުދިންނާއެކު މީގެތެރޭގައި އުޅޭ މަސްތުވާތަކެތި ބޭނުންކުރާ ކުދިންވެސް އެޑިކްޓުންނެއް ނޫން. އެކަމަކު ގިނަ ފަހަރު އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ ކޭސްތަކަށް ބަލާއިރު ކުރީކޮޅު އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް އަޅާނުލެވޭ. މިސާލަކަށް އަޚްލާޤީ މައްސަލަތައް ކުދިންގެ ފެށޭ ހިސާބުން އަޅާ ނުލެވެނީ. އެހެންވުމުގެ ސަބަބުން އެކަންތައް ބޮޑުވަމުން ބޮޑުވަމުން ގޮސް ބޮޑެތި ކުށްތަކަށް އެކުދިން އަރައިގަންނަނީ ގޮސް މަސްތުވާތަކެތި ވިޔަފާރިކުރާ ހިސާބަށް އެދަނީ."

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ ޙަސަން ޝަހީލް ވިދާޅުވީ ހަގު އުމުރުގައިވެސް ބައެއް ކުދިން މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާކަމަށެވެ. އެހެންކަމުން މިކަމުގެ ނުރައްކަލާއި މިކަމުގެ މަޢުލޫމާތާއި އަދި މިކަމުން ސަލާމަތްވެވެން ހުރި މަގުތައް ސްކޫލްތަކުގެ ޓީޗަރުންނާއި ކައުންސެލަރުންނާއި ހެލްތް އެސިސްޓެންޓުންނަށް އެނގުން މުހިންމުކަމަށާއި އެބޭފުޅުންގެ ދައުރު މިކަމުގައި ބޮޑުކަމަށެވެ.

"އަޅުގަނޑުމެން މި ބާއްވާ ޕްރޮގްރާމަކީ ސިލްސިލާގޮތަކަށް ބާއްވާ ޕުރޮގްރާމެއް. އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ސްކޫލެއްގައިވެސް މިކަމުގެ ރަނގަޅު މަޢުލޫމާތު ލިބިފައި ހުރި ބަޔަކު ތިބެ އަދި ކުދިންނަށް ކަންތައްތައް ކުރަންވާ ރަނގަޅުގޮތް އެނގި އެކުދިންނަށްވެސް ސްކޫލް ސިސްޓަމުން ބޭރަށްނުގޮސް އެކުދިންނަށް މި ދިމާވެފައި ހުރި ކަންތައްތަކުން ސަލާމަތްވެފައިހުރި ގޮތްތަކެއް ހޯދައި ދިނުން" ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ، ޙަސަން ޝަހީލް ވިދާޅުވިއެވެ.

ފަސްދުވަހުގެ މި ބައްދަލުވުމުގައި މިފަދަ ހާލަތްތަކުގައި ކަންތައްތައް ކުރައްވާނެ ގޮތުގެ މަޢުލޫމާތު ދެއްވުމުގެ ސެޝަންތައް ނަންގަވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.