ޚަބަރު

ޤައުމީ މިޑިއާގައި އިންޓާންކުރުމުގެ ފުރުޞަތު ދޭން ފަށަނީ


އިންޓާންޝިޕް ފުރުޞަތެއްގެ ގޮތުގައި މަތީތަޢުލީމް ޙާޞިލްކުރާ ދަރިވަރުން ޤައުމީ މިޑިއާގައި މަސައްކަތް ކުރުމުގެ ފުރުޞަތުދެވޭ ސިޔާސަތަކަށް ވަރަށް އަވަހަށް ޢަމަލުކުރަން ފަށާނެކަމަށް ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަންގެ ވެބްސައިޓް އިފްތިތާޙް ކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފް ވިދާޅުވީ، ޤާބިލު ހުނަރުވެރި އަދި މޮޅަށް ދިވެހިބަހުން ވާހަކަދައްކާ ޕްރެޒެންޓަރުން މިހާރު މަދުވެފައިވާ ކަމަށާއި، ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނާއި، ޔުނިވަރސިޓީ ފަދަ ތަންތަނުގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ތެރެއިން ކަމަށް ޤާބިލް، ހުނަރުވެރި ދަރިވަރުން ޤައުމީ މީޑިއާއަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޤައުމީ މީޑިއާގެ ގަވަރނިންގ ބޯޑަށް އެކަން އެޖެންޑާ ކުރެވި އެކަމަށް ސިޔާސަތެއް ފާސްކުރެވޭނެ ކަމަށް އިކްރާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިހާރު އޮތް ވަރަށްބޮޑު ނިކަމެތިކަމެއް، މޮޅަށް ޓީވީން ޕްރެޒެންޓްކުރާ ކުދިން އަޅުގަނޑުމެންގެ ޤައުމީ މީޑިއާގައި މިހާރު ވަރަށް މަދުކަން.. މީހަމަ ޙަޤީޤަތެއް، އެކަމާ އަޅުގަނޑު ހިތާމަވެސް ކުރަން.. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ މީޑިއާގެ ސްކްރީނަށް، އޭގެ މޫނުމައްޗަށް އަންނަންވާނީ، ކުށެއްނެތި، ވަރަށް ރީތިކޮށް ސީދާކޮށް ސާދާކޮށް ދިވެހިބަހުން ވާހަކަދައްކާލަން އެނގޭ ކުދިން.. އެކަމަކު މިވަގުތު އަޅުގަނޑުމެންގެ ތެރޭގައި އެކަހަލަ ކުދިން މަދުކަން ފާހަގަކުރަން." ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވިއެވެ.

މުޙައްމަދު އިކްރާމްގެ ވާހަކައިގައި، ކޮންމެ ޤައުމެއްގެވެސް ޔުނިވަރސިޓީގެ ތަޢުލީމު ޙާޞިލްކޮށް ނިންމާ ދަރިވަރުންނަކީ ޤައުމަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެވިދާނެ ބައެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ދާއިރާތަކުން ސަރުކާރާއި، އަމިއްލަ ވިޔަފާރި ކުންފުނިތަކުން ކުރައްވާ ކަންކަމާއި، ހިންގަވާ ޕްރޮޖެކްޓްތަކާގުޅޭ ގޮތުން ބިނާކުރަނިވި ގޮތުގައި ވާހަކަދެއްކޭނެ ފަރާތްތައް ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަންގެ ތެރެއިން އުފެދިގެން ދިޔުމަކީ ޤައުމަށް ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14717766126293.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް އެމްއެންޔޫގައި ތަޤްރީރުކުރައްވަނީ - ފޮޓޯ: ޕީއެސްއެމް

"އެހެންވީމަ އަޅުގަނޑުމެންނަށް ވިސްނުނީ، މިކަހަލަ ކުދިން އުފެއްދުމައްޓަކައި ހައި ސްކޫލްތަކުގެ ކުދިންނާއި، ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލްކުރާ ކުދިންގެ ތެރެއިން ކުދިން ނަގަންޖެހޭކަމަށް. ރަނގަޅު އުޖޫރައެއް ކިޔަވާ ކުދިންނަށް ދީގެން އިންޓާންޝިޕް ފުރުޞަތެއްގެ ގޮތުގައި ޤައުމީ މީޑިއާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލުމައްޓަކައި ވަރަށް އަވަހަށް ސިޔާސަތެއް ފާސްވެގެންދާނެ." ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވިއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާ ފަދަ، މުހިއްމު ދާއިރާތަކުން ފާހަގަކުރެވޭ މައްސަލަތަކާ ގުޅޭގޮތުން ޢިލްމީ ދިރާސާތަކެއް ޤައުމީ ޔުނިވަރސިޓީގެ ވަޞީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމަށް އިކްރާމް ފާހަގަކުރައްވާފައިވެއެވެ.

"ވަރަށް ގިނަ މީހުންނަށް ވާގޮތަކީ ތަނެއްގައި މަޝްރޫޢެއް ހިންގާނަމަ، އެކަން ހުއްޓުވޭނެފަދަ ގޮތަކަށް މަސައްކަތް ކުރަނީ، މިއީ ޤައުމު ބިނާކުރަން ކުރާޒާތުގެ ކަންތައްތަކެއް ނޫން. މިއަށްވުރެ ބިނާކުރުވަނިވި ގޮތަކަށް އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވޭނެ. ޔުނިވަރސިޓީގައިވެސް ތިބޭނެ، ޑިޒައިންކުރާ ކުދިންނާއި، އާކިޓެކްޗަރުން. އެކި ދާއިރާތަކަށް ވިސްނުން ހުރި ކުދިން. ފައިނޭންޝަލް ދާއިރާއިން، ކިޔަވާކުދިން، ޞިއްޙީ ދާއިރާއާ ތަޢުލީމީ ދާއިރާއިން ކިޔަވާ ކުދިން. އެހެންވީމަ މިޤައުމުގެ ކަންކަން ބިނާވެގެންދާއިރުގައި، މިދާއިރާތަކުން ކަންކަން ކުރެވެނީ އެންމެ ރަނގަޅަށްތޯ. މިކަންކަމާބެހޭ ޢިލްމީ ދިރާސާތައް މިޔުނިވަރސިޓީގެ ތެރޭގައި، މި ހިޔާވަހިކަމުގައި އަޅުގަނޑަށް ހީވަނީ ކުރެވޭނެހެން. ސްޓޫޑަންޑް ޔޫނިއަނުން އިސްނަގައިގެން އެކަންކަމުގައި ބައިވެރިވަންޏާ އެއީ ޤައުމަށްކުރެވޭ ވަރަށް ބޮޑު ހެޔޮކަމެއް." އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ، ރާއްޖޭގައި ބައެއް ފަރާތްތަކުން އިންޓަރނެޓާއި، ވެބްސައިޓްތަކުގެ ބޭނުން ހިފަނީ އެންމެ ހެޔޮގޮތުގައި ނޫން ކަމަށެވެ.

އަދި މިހާރު ދިވެހިން އެންމެ ޢާންމުކޮށް ބޭނުންކުރާ ސޯޝަލްމީޑިއާގެ ވަޞީލަތްތަކުގެ ބޭނުންހިފަނީ އެންމެ ރަނގަޅަށްތޯއާއި އޭގެ ބޭނުން ހިފަނީ އެންމެ ފައިދާހުރި ގޮތުގައިތޯ ސްޓޫޑަންޓް ޔޫނިއަންގެ މެންބަރުންނަށް ބަލައި ދިރާސާ ކުރެވިދާނެ ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަންގެ ވެބްސައިޓެއް އިފްތިތާޙްވެގެން ދިއުމަކީ ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، އޭގެ ސަބަބުން ސްޓޫޑަންޓް ޔޫނިއަންގެ މަސަކަތްތަކުގެ އާރކައިވެއް ޒަމާންތަކަކަށް ރައްކައު ކުރެވިގެންދާނެކަން ފާހަގަކުރައްވައި، އެކަން ހެޔޮގޮތުގައި މުޖުތަމަޢަށް ފައިދާކުރުވަނިވި ގޮތަކަށް ކުރުމަށް ޔޫނިއަންގެ ބައިވެރިންނަށް ޕީ.އެސް.އެމްގެ ޑީ.އެމް.ޑީ އިކްރާމް ވަނީ ގޮވާލައްވާފައެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަން ވެބްސައިޓްގެ ޒަރީޢާއިން އެޔޫނިއަންގައި ހިމެނޭ ދަރިވަރުންގެ ޢިލްމީ އަދި އެހެނިހެން ލިޔުންތަކާއި ކުރާ މަސައްކަތްތައް ފެނިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.