ދީން

ރާއްޖެއިން ޙައްޖަށްދާ މީހުންގެ އިތުރު 2 ގުރޫޕެއް ފުރައިފި


މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތެރެއިން 2 ގުރޫޕެއްގެ މީހުން ސަޢޫދީ ޢަރަބިއްޔާއަށް މިއަދުވެސް ފުރައިފިއެވެ.

މިއަދު ހެނދުނު ފުރާފައިވަނީ އަލްޙަރަމައިނި ޖަމާޢަތުގެ ޙަވާލުގައި ޙައްޖައްދާ މީހުންގެ ތެރެއިން 65 މީހުންނެވެ. އަދި ޙައްޖައްދާ މީހުންގެ 2 ވަނަ ގްރޫޕް ސަޢޫދީ ޢަރަބިއްޔާއަށް ފުރާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މި ގްރޫޕްގައި ހިމެނެނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖައްދާ 246 މީހުންނެވެ. މީގެއިތުރުން އަލްޙަރަމައިނި ޖަމާޢަތުގެ ޙަވާލުގައި ޙައްޖައްދާ އިތުރު ބަޔަކު މިރޭވެސް ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މި ގްރޫޕްގެ ޙަވާލުގައި 95 މީހުން މިރޭ ފުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދާ މީހުންގެ ތެރެއިން 266 މީހުން މާދަމާ ފުރުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މިއަހަރު ރާއްޖެއިން ޙައްޖައްދާ މީހުންގެ ތެރެއިން އެންމެ ފަހުން ފުރާ މީހުން މި މަހުގެ 23 ވަނަ ދުވަހު ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހަވާލުގައި ފުރުމަށް ހަމަޖެހިފައިވާ 193 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. މިއަހަރު ރާއްޖެއިން 2،000 މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދާނެއެވެ.