ޚަބަރު

ނަރުދޫއަށް ގިނަ މަޝްރޫޢުތަކެއް، ހުރިހާ މަޝްރޫޢެއްވެސް ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް


  • ސިއްޙީ މަރުކަޒާއި ސްކޫލަށް ޖާގަ އިތުރުކުރަނެ

  • ކައުންސިލްގެ އައު އިމާރަތެއް އެޅުން

  • ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރާނެ

ނަރުދޫގެ ތަރައްޤީއަށް ހިންގާ ހުރިހާ މަޝްރޫޢުތަކަށްވެސް އިސްކަންދެއްވާނެކަމަށާއި، މަޝްރޫޢުތައް ކުރިއަށްގެންދަވާނީ ރައްޔިތުން އެދޭގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ށ. އަތޮޅަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި އެއަތޮޅު ނަރުދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަރުދޫގެ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ އެރަށުގެ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކުރައްވާފައެވެ. އަދި ނަރުދޫގެ ގޮނޑުދޮށް ހިމާޔަކުރުމުގެ މަސައްކަތް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކެޓިން ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކުރައްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެރަށުގެ ތަރައްޤީއަށް ފަށާފައިވާ މަސައްކަތްތައް ވެވަޑައިގެންފައިވާ ވަޢުދާއެއްގޮތަށް ފުއްދުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ. މިގޮތުން އެރަށުގައި ހިންގާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް 4 ކަލާސްރޫމްއާއި މަލްޓިޕާޕަސް ހޯލުގެ މަސައްކަތް މިމަހުގެ ތެރޭގައި ބަޔަކާ ހަވާުލުކޮށް މިއަހަރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފަށްޓަވާނެކަމަށް ވިދާޅުވެފައެވެ. އަދި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވާކަމަށާއި ފުޓުބޯޅަ ދަނޑު ތަރައްޤީކުރާނީ ޒަމާނީ ފެންވަރަށް ހުރިހާ ވަސީލަތެއް ހަމަކޮށްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މި މަޝްރޫޢޫ މިއަހަަރުގެ ތެރޭގައި ޢަމަލީގޮތުން ފަށްޓަވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އަދި ފުޓްސަލް ދަނޑު މަރަމާތުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެރަށުގައި ހޭންޑް ބޯޅަ ކޯޓު ތަރައްޤީކުުރުންވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ސިއްޙީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ސިއްޙީ މަރުކާޒުން ދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ޖާގައި އިތުުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ. އޭގެ ސަބަބުން ސިއްޙީ މަރުކަޒަށް ކުރިއެރުން އަންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ވޯޑާއި ލެބޯޓަރީއާއި، ސިއްޙި މަރުކަޒަށް ބޭނުންވާ އިތުރު މުވައްޒަފުން ހޯދުންވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަމާޒަކީ އަންނަ އަހަރު އެރަށުގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް އިތުރުކުރަމުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކައުންސުލްގެ އައު އިމާރާތެއްވެސް އެރަށުގައި އެޅުމަށް ނިންމާފައިވާކަމަށާއި، އޭގެއިތުރުން އެރަށަށް ދިމާވެފައިވާ ނަރުދަމާގެ މައްސަަލަ ހައްލުކުރުމަށްޓަކައި ފެނަކައިން އަލުން އެ މަސައްކަތް ފަށާނެކަމަށްވެސް ވިދާޅުވިއެވެ. އަދި އަންނަ މަހުގެ ތެރޭގައި އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"ބަނދަރުގައި މިއޮތީ ބޮޑު މައްސަލަތެއް ދީފައި. މިނިސްޓްރީއަށް ހުއްދަަދީފައިވަނީ ފުޅާކުުރުމަށް އޮތް އެންމެ ބޮޑަށް ފުޅާކުުރުމަށް. އީއައޭއަށް ބެލުމަށްފަހު އެކަންކަ ކުރުމަށް. ސޭފް ބަނދަރެއް ހެދުމަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނަން. މިކަމުގެ ފަންނީ މަސައްކަތް ކުރައްވާނެ. ބަނދަރުގެ މައްސަލަ ހައްލުކުރުމަށް ކުރަން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ. ފައިސާގެ ދަތިކަމެއް ނާންނާނެ. " ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ގޯތި ދިނުމުގެ ކަންކަމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ނަރުދޫ ކައުންސިލުން އެންގުމުން އެކަން ކަމާބެހޭ ވުޒާރާއިން ކުރުމަށް ހުއްދަދެއްވާނެކަމަށެވެ. އަދި ސަރުކާރުން ކުރިއަށްދާނީ ރައްޔިތުން އެދޭގޮތަށްކަން ފަހަގަކުރައްވާ ރައސް ވަނީ އެރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާނީވެސް ރައްޔިތުން އެދޭގޮތަށްކަމަށް ވިދާޅުވެފައެވެ.