ޚަބަރު

އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، ފިޔަވަޅު އަޅާނެ: އެޗްޑީސީން


  • ކުއްޔަށް ދޭ ފަރާތްތައް ހޯދައި، އެ ފަރާތްތަކާއެކު ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ

އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، ފިޔަވަޅު އަޅާނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީންވެސް ވިދާޅުވެއްޖެއެވެ.

އެޗްޑީސީން މިހެން ވިދާޅުވެފައި މިވަނީ ހުޅުމާލޭގައި އެފްޑީސީން ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓުތައް ކުއްޔަށް ދޫކުރުމަށް ބައެއް ފަރާތްތަކުން އިއުލާންކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެޗްޑީސީން ވިދާޅުވީ ސޯޝަލް ހައުސިންގ ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަންނެތް ފަރާތްތަކަށް، އަތްފޯރާ އަގުގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަކަށްވާތީ، އެ ފްލެޓްތައް އެހެން ފަރަތާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީއާއި ސޯޝަލް ހައުސިންގ ފުލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއްކަމަށެވެ.

މީގެ އިތުރުން ސޯޝަލް ހައިސިންގ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެ ކޯޕަރޭޝަނުން ބަލާނެކަމަށް ވިދާޅުވިއެވެ. އަދި އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް ކަމަށާއި އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށްދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދައި، އެ ފަރާތްތަކާއެކު ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށް އެފްޑީސީންވެސް ވަނީ ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓުތައް ހަވާލުކުރަމުންދަނީ ފިނިޝިން ހުރިހާ މަސައްކަތެއްވެސް ނިންމުމަށްފަހުއެވެ.

ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށް، ލިސްޓް ކަނޑައެޅުމުގެ މަސައްކަތް ކުރަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. އެފްޑީސީން ސޮއިކުރަމުންދަނީ އެވުޒާރާއިން ފޮނުވާ ލިސްޓަށެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ 4000 މީހުންގެ ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ މަޢުލޫމާތުތައް އަދިވެސް ރިވިއުކުރަމުންދާކަމަށެވެ.